February 27, 2026
Advertisement
އެމެރިކާ ޑޮލަރު
އެމެރިކާ ޑޮލަރު / ގޫގުލް

ޓޫރިޒަމް ދާއިރާއިން ބޭންކްތަކަށް 150 މިލިއަން ޑޮލަރު މާރުކޮށްފި، ނަމަވެސް ޑޮލަރު ރައްޔިތުންނަށް ގަންނަން ލިބެނީ 19 ރުފިޔާއިން މަތިން.!

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Mar 27, 2025, 09:00 PM
މާލެ ސިޓީ

ޓޫރިޒަމް ހިދުމަތްދޭ ތަަންތަނުން މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ބޭންކްތަކަށް 150 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

Advertisement

ރައީސްގެ އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޭންކަށް ޑޮލަރު މާރުކުރުމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި މިކަމުގެ ނަތީޖާއަކަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވަމުންދާ ވަރަކަށް އެދާއިރާއިން ލިބޭ އާމްދަނީ ކުރިއަށްވުރެ އިތުރުވެ، އޭގެ މަންފާ ރައްޔިތުންނަށް ކުރުންކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ޖުމްލަކޮށް މި ގާނޫނުގެ ދަށުން 150 މިލިއަން ޑޮލަރު ޖެނުއަރީން ފެށިގެން މިހާތަނަށް ބޭންކުތަކަށް މާރުކޮށްފި. ކުރީގައި މާރުކުރަމުން އަންނަ އަދަދަށް ވުރެ %40 އިތުުރު

ރައީސް މުއިއްޒު

މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރާ ހަވާލާދެއްވައި ރައީސް ފާހަގަކުރެއްވި ގޮތުގައި، ޕްލޭނުކުރެވިފައިވާ ގޮތަށް ހުރިހާ ކަމެއް ވެސް ކުރިއަށް އެބަދެ އެވެ.

އަހަރުގެ މެދަކާ ހިސާބަށް ދާއިރު، ސަރުކާރު ކުންފުނިތަކުން ކަޅުބާޒާރުން ޑޮލަރު ގަތުން ހުއްޓާލާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ޑޮލަރުގެ އަގު ތިރިވަމުން އަންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވި ނަމަވެސް މި ސިޔާސަތުގެ ދަށުން ޑޮލަރު މާރުކުރަން ފެށިތާ ތިން މަސް ވާން ގާތްވީއިރު, އާންމުންނާއި ވިޔަފާރިތަކަށް ޑޮލަރު ގަންނަން މަޖުބޫރުވެފައިވާ ކަޅު ބާޒާރުގައި ޑޮލަރުގެ އަގަށް ބޮޑު ބަދަލެއް ނާދެ އެވެ. ޑޮލަރު މާރުކުރާ ގްރޫޕުތަކުން ދައްކާ ގޮތުގައި މިއަދު ވެސް ޑޮލަރެއް ލިބެން ހުރީ 19.40ރ. އަށެވެ. އަދި ޑޮލަރެއް މާރުކުރެވެނީ 19ރ. އަށެވެ.

ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15:42ރ އެވެ. ނަމަވެސް މަރުކަޒީ ބޭންކް އެމްއެމްއޭ އަކީ، ޑޮލަރުގެ ތާށިކަން އަންނަ ދުވަސްވަރު ފައިސާގެ މާރުކޭޓްގެ ކޮންޓްރޯލް ހޯދޭ ފަދަ ގާބިލް އިދާރާއަކަށް ނުވާތީ، ޑޮލަރުުގެ މުއާމަލާތް ހިންގަނީ އަބަދުވެސް ކަޅު ބާޒާރުގަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved