ހއ. ހޯރަފުށީގައި ހުންނަ ހއ. އަތޮޅު މަދަރުސާ. -- ފައިލް ފޮޓޯ / މިހާރު
ހަބަރު
ހޯރަފުށީގައި 11,12 އަށް ކިޔަވައިދޭން ފެށީ ރައީސް ޔާމީން ވެރިކަމުގައި، މިހާރު އެކަން ހުއްޓިއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
29 މާރިޗު 2025
މާލެ ސިޓީ

ރައީސް ޔާމީން ސަރުކާރުގައި ތައުލީމީ ގޮތުން ރަނގަޅު ނަތީޖާއެއް ހޯދަމުން އަންނަ ހއ. އަތޮޅު މަދަރުސާގައި 11،12 އަށް ކިޔަވައިދޭން ފެށި ނަމަވެސް މިހާރު އެ މަދަރުސާގައި 11،12 އަށް ކިޔަވައިދިނުން ހުއްޓިފައި އޮންނަތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ.

ގްރޭޑް 10 ނިންމާ ދަރިވަރުން އޯލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދި ނަމަވެސް ހއ. އަތޮޅު މަދަރުސާ އިން 11،12 ނުވަތަ އޭލެވެލް އަށް ކިޔެވެން މިހާރު ނެތުމުން ދަރިވަރުން ރަށުގައި މަޑެއް ނުކުރެ އެވެ. މި އަހަރުވެސް ހއ. އަތޮޅު މަދަރުސާގެ ގްރޭޑް 10ގެ ތިން ކުލާހެއްގައި 40 ދަރިވަރުން އަންނަނީ ކިޔަވަމުން ނެވެ.

އެރަށު ރައްޔިތުން އަންނަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ނެވެ. "ޗެނަލް ތޭރަ" އަށް މައުލޫމާތު ދެމުން މިއަހަރު 10 ނިމޭ ދަރިވަރެއްގެ ބެލެނިވެރިއަކު ބުނީ ސޯލިހު ސަރުކާރުން ފެށިގެން 11،12 ހުއްޓިއްޖެ ކަމަށެވެ.

އަދި ރައީސް މުއިއްޒު ވެރިކަމަށް އައީ ރައީސް ޔާމީން ހޯރަފުށީގައި ފެއްޓެވި 11،12 އަލުން ހޯރަފުށީގައި ފެށުމުގެ ވައުދާއެކު ކަމަށާއި ނަމަވެސް މިއަދާ ހަމައަށް އެކަން އަދި ނުވާ ކަމަށެވެ.

އޯލެވެލް ނިންމުމަށް ފަހު އޭލެވެލް އަށް ދަރިވަރުން މާލެ ބަދަލުވާން ޖެހޭ ސަބަބުތަކެއް އަދިވެސް އަތޮޅު ތެރޭގެ ގިނަ ސުކޫލުތަކުގައި އެބަހުއްޓެވެ. އޭގެ ތެރޭގައި ސްކޫލެއްގައި ކިޔަވަން ތިބޭ ކުދިންގެ އަދަދު ނިސްބަތުން މަދުވުމާއި ސައިންސް ސްޓްރީމް ކިޔަވާ ކުދިންނަށް ލެބޯޓްރީ ފަދަ ވަސީލަތްތަކެއް ކޮންމެ ރަށެއްގައި ނެތުން ފަދަ ކަންކަން ހިމެނެ އެވެ.

ރައީސް ސޯލިހު ސަރުކާރުން ހޯރަފުށީ ސުކޫލުގައި 11،12 އަށް ކިޔަވައިދޭން ބޭނުން ނުވީ ކަމަށާއި އެކަން ހުއްޓުވީ ސޯލިހުގެ ސަރުކާރުން ކަމަށް އެއިރު އިދިކޮޅުގައި ތިއްބެގެން ޕީއެންސީ/ޕީޕީއެމް "ބޮޓުން" ދިޔައީ ޖަލްސާތަކާއި އެއްވުންތަކުގައި ބުނަމުން ނެވެ.

މިއަދު ސޯލިހުގެ ސަރުކާރު ނިމިއްޖެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ސޯޅަ މަސް ވެގެންދިޔައިރު ހއ. އަތޮޅު މަދަރުސާ އަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް ސައިންސް ސްޓްރީމް ނަގާ ދަރިވަރުން ރަނގަޅު ލެބޯޓަރީ އެއް ޑިވްލޮޕް ކޮށް، އޭ ލެވެލްގައި މި ބޭނުން ކުރާ ކެމިކަލްތައް ގެންގޮސް ވަރަށް ރަނގަޅު މުދައްރިސުން ހއ. އަތޮޅު މަދަރުސާ އަށް ފޯރުކޮށް ނުދެވިގެން ތިޔަ އުޅެނީ ކީއްވެ ހެއްޔެވެ.؟

ހޯރަފުށީ ރައްޔިތުންގެ މިއަދުގެ ސުވާލަކީ 11،12 އަށް ކިޔަވަން ފަށާނެ ކަމަށް ބުނެ ވައުދުވެ ވެރިކަން ހޯދި މީހުން މިއަދު ކޮބާ ހެއްޔެވެ؟

ހއ. އަތޮޅު މަދަރުސާ 11،12 ކިޔަވަން ފެށޭނެ ތާރީހެއް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީ އަށް ގުޅުމުން ބުނީ މި ވަގުތައް ހއ. އަތޮޅު މަދަރުސާ 11،12 ފެށޭނެ ދުވަހެއް ބުނަން ދަތި ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved