

ހުސްވެފައިވާ ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމަށް، އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު މުހައްމަދު ފައިސަލް ކުރިމަތިލައްވައިފި އެވެ.
އިސްފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ނިޔާޒާއި ފައިސަލަކީ މި ވަގުތު ހައިކޯޓުގައި ތިއްބެވި 10 ފަނޑިޔާރުންގެ ތެރެއިން އެންމެ ސީނިއަ ދެ ފަނޑިޔާރުންވެސް މެއެވެ. ދެ ފަނޑިޔާރުން ވެސް ހައިކޯޓަށް އައްޔަންކުރީ 2018 ގަ އެވެ.
ފަނޑިޔާރު މުހައްމަދު ނިޔާޒަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ ޖެނުއަރީ 25، 2018 ގައެވެ. މީގެ އިތުރުން، ނިޔާޒަކީ މިހާރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅާއެވެ.
ފައިސަލްއަކީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ ޖުލައި 24، 2018 ގައެވެ. ފައިސަލް ކުރިން ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ނައިބް ރައީސްކަމުގެ މަގާމު ހިމެނެ އެވެ.
ހައިކޯޓުގައި މިވަގުތު ތިއްބެވި 10 ފަނޑިޔާރުންގެ ތެރެއިން އެންމެ ސީނިއަރ ފަނޑިޔާރަކީ ނިޔާޒްއެވެ. އޭނާއަކީ ޖޭއެސްސީގެ ނާއިބު ރައީސްވެސްމެއެވެ. ފަނޑިޔާރު ފައިސަލްއަކީ މި ވަގުތު ވަގުތީ ގޮތުން ހައިކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި، ހައިކޯޓުގެ ދެވަނަށް އެންމެ ސީނިއަރ ފަނޑިޔާރެވެ.
ހައިކޯޓަށް އިސްފަނޑިޔާރެއް ކަނޑައަޅާނީ ޖޭއެސްސީންނެވެ.