
ރައީސް ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ ޑިމޮކްރަސީގެ އަސާސްތައް ރެއާއި ދުވާލު މުގުރަމުންކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ދުނިޔޭގައި ދިވެހިންހާ ރަސްކަމާ ދެކޮޅު ޤައުމެއް ނޯންނާނެކަމަށް މަލީހު ފާހަގަ ކުރެއްވިއެވެ. އެގޮތުން ރައީސަކީ ހާދިމެއްކަމާއި އެކަން އޮޅުވާ ނުލުމަށް މަލީހުވަނީ ރައީސް މުއިއްޒަށް ގޮވާލައްވާފައެވެ.
ޑިމޮކްރަސީއަށް ދިވެހިން ކުރި ދަތުރުގެ އެތައް މަންޒިލެއް މުއިއްޒު ފައްތާލައިފިކަމަށް މަލީހު ތުހުމަތު ކުރެއްވިއެވެ. އަދި ޑިމޮކްރަސީގެ އަސާސްތައް ރެއާއި ދުވާލު އެގެންދަވަނީ މުގުރަމުންކަމަށް ވިދާޅުވެ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ނަމަވެސް މިނިވަންކަމަށް ދިވެހިންކުރާ ޖިހާދު ނުހުއްޓުވޭނެކަމަށް މަލީހުގެ ޕޯސްޓުގައި އޭނާ ފާހަގަ ކުރެއްވިއެވެ.










