
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމާއި މެދު ކަންބޮޑުވުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އިނގިރޭސިވިލާތަށް އެމަނިކުފާނުގެ ދެވަނަ އަމިއްލަފުޅު ދަތުރުފުޅު ފެއްޓެވުމުން ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ކަންބޮޑުވުން ފާޅު ކުރައްވާފައިވެއެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އިނގިރޭސި ވިލާތަކީ މެގްނާ ކާޓާ އުފަންވި ތަންކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ފައިދާހުރި ގޮތެއްގައި ނަގަން ގާނޫނު އަސާސީ އިސްލާހު ކުރެއްވި ކަމާއި އެކަމާމެދު ސުޕްރީމް ކޯޓުގައި މައްސަލައެއް ކުރިއަށް ދަނިކޮށް އެ މައްސަލައަށް ހުރަސް އެޅުމުގެ ގޮތުން ސާބިތު ނުވާ ސަބަބުތަކާހުރެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށް އެކަކު އިސްތިއުފާ ދެއްވަން މަޖުބޫރު ކުރުވިކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
އެގޮތުން ޔުނައިޓަޑް ނޭޝަންސް ޔޫއެންގެ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންގެ މިނިވަންކަމާއި ބެހޭ ހާއްސަ ރިޕަޓުއަރވެސް ރައީސް މުއިއްޒުގެ އަމަލުތައް ކުށްވެރިކުރިކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
ރައީސް މުއިއްޒަކީ ދިވެހިން ދުށް އެންމެ ހުދުމުހުތާރު ވެރިޔާ ކަމާއި ރަޝިޔާގެ ރައީސް ވްލަޑަމިއަރ ޕޫޓިންއާ ރައީސް މުއިއްޒުއާ އެއްވެސް ތަފާތެއް ނެތްކަމަށް ޑރ ޖަމީލް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ރައީސް މުއިއްޒު އިނގިރޭސި ވިލާތައް ވަޑައިގަންނަވާ އިރު ރާއްޖެއަށް ކުރިމަތިވެފައިވަނީ އިގްތިސާދީ ކާރިސާއެއް ކަމާއި އެކަމާއި ގުޅިގެން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު އައިއެމްއެފުން ސީރިއަސް އިންޒާރުތަކެއްވެސް ދީފައިވަނީ ދަނޑިވަޅެއްގައިކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.
ހަމައެހެންމެ އިނގިރޭސިވިލާތުގައި ހުރި ރައީސް މުއިއްޒުގެ އެންމެ އިސް ޑިޕްލޮމެޓް ހައި ކޮމިޝަނަރު އިރުތިޝާމް އާދަމްގެ މައްޗަށް ތުހުމަތު ކުރެވެނީ ފޭކް ޕީއެޗްޑީ އެއް ހިފައިގެން އެ ޕީއެޗްޑީ ބޭނުން ކޮށްގެން މަގާމު ކަށަވަރު ކުރިކަމުގެ ތުހުމަތުކަން އެ ޕޯސްޓުގައި ޑރ ޖަމީލް ފާހަގަ ކުރައްވާފައިވެއެވެ.
އެގޮތުން އަމިއްލަ ގައުމުގައި ރައީސް މުއިއްޒު ގެންދަވަނީ ނިޒާމީ ގޮތުން ޑިމޮކްރެޓިކް އޮނިގަނޑުތައް ރޫޅާލައި ބާރުތައް ވަކިކުރުމުގެ ގާނޫނާއި ހިލާފުވަމުންކަމަށް ޑރ ޖަމީލް ތުހުމަތު ކުރެއްވިއެވެ.










