
އިނގިރޭސި ވިލާތުގެ ހައި ކޮމިޝަނަރު އިރުތިޝާމް އާދަމްގެ މައްޗަށްކުރެވޭ ފޭކް ޕީއެޗްޑީގެ ތުހުމަތަށް މަގާމުން ދުރުކޮށް ޖިނާއީ ތަޙްގީގެއް ހިންގަންޖެހޭކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެއްވެސް ޙާލެއްގައި ޒާތީކަމެއް އޮވެގެނެެއް ނޫން ކަމާއި ނަމަވެސް ސަފީރުގެ މައްޗަށްކުރެވޭ ފޭކް ޕީއެޗްޑީގެ ތުހުމަތަށް އެކަމަނާ މަގާމުން ދުރުކޮށް ޖިނާއީ ތަޙްގީގެއް ހިންގަންޖެހޭކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އެމް ކިއު އޭ އިން އެއީ ޞައްޙަނޫން އެއްޗެއްކަން އެކަމަނާއަށް އެންގެވިކަމާއި އެކަން އެނގި ހުރި އެ މަޢްލޫމާތުތައް ބޭނުންކުރުމަކީ ބޮޑު ގާނޫނީ ކުށެއްކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.
ދައުލަތަށް ޞައްޙަނޫން މަޢްލޫމާތު ހުށަހެޅުން މިއީ ބޮޑަތި ޖިނާއީ ކުށެއްކަމަށް ފާހަގަކޮށް އެފަދަ ކަންކަން ނުކުރި ނަމަވެސް އެމްބަސީގައި މަގާމުދެއްވާފައި އެބަހުރިކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
މިނިވަން ޖިނާއީ ތަޙްގީގެއްކޮށްފިނަމަ ޔޫކޭ އެމްބަސީގައި އިރުތިޝާމުގެ އިތުރަށް އެތާގެ މަތިފަޑި ފަޅާއަރާނެކަމަށް ޑރ ޖަމީލް ތުހުމަތު ކުރެއްވިއެވެ. އެގޮތުން ޙަލާލު ރިޒުގު ހޯދުމަށް ޙަރާމް ކުރެއްވި މަގު ޚިޔާރުކޮށް ޢާއިލާއާ ދަރިންނަށް އޮޅުވާލާ ފަރާތްތަކުން އެކުރަނީ ކުޑަ ކަމެއް ނޫންކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
އަދި ހަސަން ކުރުސީގެ ނަމުން ހިންގާ އެކައުންޓަކުން މިކަންތައް އެކްސްޕޯޒްކޮށް އެހިންގަމުން ދަނީ ގައުމީ މަސައްކަތެއްކަމާއި އެކަމަށް އައްސަރިބަހާ ސާބަސް ޑރ ޖަމީލްވަނީ ދަންނަަވާފައެވެ.
ރައީސް މުއިއްޒަށް ވެރިކަން ކުރަން ނޭގުނަސް އެމަނިކުފާނު ހުންނެވީ ކިޔަވައިގެންކަމާއި ތައުލީމާ މެރިޓޮކްރެސީ ދުއްވާލަން ބަޔަކު ހިންގާ ޖަރީމާ ހުއްޓުވަން ގާނޫނީ ފިޔަވަޅު އަޅަންވެސް އެ ޕޯސްޓުގައި ޑރ ޖަމީލްވަނީ ގޮވާލައްވާފައެވެ.










