
ގާނޫނޫ ހިނގަނީ ރައީސް ޑރ މުހައްމަދު މުއިއްޒު ހިތަށް އެރުމުންތޯ އައްސަވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރި ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ނުރުހުން ފާޅު ކުރައްވައިފިއެވެ.
މަލީހު ނުރުހުން ފާޅު ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ ރައީސް އޮފީހުން 2023 ވަނަ އަހަރާއި މި އަހަރު ފޮނުވި ސިޓީއެއްގެ ކޮޕީ އެޓޭޗް ކުރައްވާފައެވެ.
އެގޮތުން 2023 ވަނަ އަހަރުގެ ސިޓީގައި އިނގިރޭސިވިލާތުގެ ހައި ކޮމިޝަނަރު އިރުތިޝާމް އާދަމްގެ ނަމުގެ ކުރީގައި "ޑރ" މަގާމު އިން އިރު 2025 ވަނަ އަހަރު ފޮނުވި ސިޓީގައި މަގާމުގައި އިންނެވީ އަލްފާޟިލާއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިމިވަނީ ހައި ކޮމިޝަނަރު އިރުތިޝާމް އާދަމްގެ މައްޗަށް ފޭކް ޕީއެޗްޑީއެއް ބައްލަވައިގަތުމުގެ ތުހުމަތުވެސް އަމާުޒވަމުން ދާ ދަނޑިވަޅެއްގައެވެ.
އެ މައްސަލަ އާއި ގުޅިގެން ރައީސް އޮފީހުން އިރުތިޝާމްގެ މައްޗަށް އެ ކުށް ސާބިތުވާކަމަށް ނިންމާފައިވާކަން މަލީހު ވިދާޅުވިއެވެ.
އެގޮތުން ދޮގު ބަޔާނެއް ނުވަތަ ދޮގު މައުލޫމާތެއް ސަރުކާރުގެ އޮފީހަކަށް ދިނުމުން ދެން އަމަލު ކުރަންެ ޖެހޭ ގޮތް ސާފުކަމަށް މަަލީހު ފާހަގަ ކުރެއްވިއެވެ.
އެގޮތުން މިއަދު ރާއްޖޭގައި ގާނޫނު ނުހިނގަނީތޯ އައްސަވާ ގާނޫނު ހިނގަނީ ހަމައެކަނި ރައީސް މުއިއްޒު ބޭނުންފުޅުވާ ގަޑިތަކުގައިތޯ ވިދާޅުވެ މަލީހުވަނީ ނުރުހުން ފާޅު ކޮށްފައެވެ.
މިފަދަ ކަންކަމަކީ ސަމާސާ ނުކުރެވޭ ބާވަތުގެ ކަންކަން ކަމަށްވެސް މަލީހު ވިދާޅުވިއެވެ.










