
ދައުލަތުގެ ބަޖެޓު މިވަގުތު އޮތީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވޮލެޓުގައިކަމަށް ވިދާޅުވެ ޕީޕްލަސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ނުރުހުން ފާޅު ކުރައްވާފިއެވެ.
މަލީހު މިފަދައިން ނުރުހުން ފާޅުކޮށްފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އިބްރާހީމް ފަލާހުފަދަ ލަޓޯފަޓޯ މެމްބަރުން މަޖިލިހަށް ހޮއްވެވުމުން އެތިބީ މަރިޔަނބާ ކަތިވަޅިއާއި ކޮށި ދަނޑުވެސް ދިމްޔާާތާ ހަވާލުކޮށްގެންކަމަށް ވިދާޅުވެ މަލީހު ކަންބޮޑުވުން ފާޅު ކުރެއްވިއެވެ.
ރައީސް މުއިއްޒު ގެންދަވަނީ ރައްޔިތަކަށް ކަމެއްކޮށް ނުދީ ރަށެއްގައި ޕްރޮޖެކްޓެއް ނުހިންގާ ދުނިޔެވަށާ ބުރު ޖަހަމުންކަމަށް މަލީހު ވިދާޅުވިއެވެ.
އެގޮތުން ދަޢުލަތުގެ ބަޖެޓް މިވަގުތު އޮތީ ރައީސް މުއިއްޒުގެ ވޮލެޓްގައިކަމަށް މަލީހު ތުހުމަތު ކުރެއްވިއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާ އިރު މިދިޔަ އަހަރުގެ ފުރަތަމަ 10 ހަފްތާގެ ނިޔަލަށް ޕީއެސްއައިޕީ ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުން 922.7 މިލިއަން ރުފިޔާ ހޭދަކުރިއެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގެ ނިޔަލަށް މަޝްރޫއުތަކަށް ހަރަދުކުރި ކަމަށް ދައްކަނީ 576.5 މިލިއަން ރުފިޔާކަން ފާހަގަކޮށްލެވެއެވެ.
އަދި ދައުލަތުގެ ޖުމްލަ ހަރަދުތަކުގެ ތެރެއިން ރިކަރަންޓް ހަރަދަށް 93 އިންސައްތަ ހަރަދުކޮށްފައިވާ އިރު ކެޕިޓަލް ހަރަދުތަކަށް ކޮށްފައިވަނި އެންމެ 7 އިންސައްތައެވެ.










