

ތ. ހިރިލަންދޫއަށް ދަތުރުކުރަމުންދަނިކޮށް އަލިފާން ރޯވެ އަޑިއަށްދިޔަ "ހޮޅުދޫ ބޯޓު" އިން ގެއްލުނު ލ. މާވަށަށް ނިސްބަތްވާ އަލީ މުޝްފިގް މުހައްމަދު، 25، ހޯދަން އެމްއެންޑީއެފްގެ ޑްރޯން ބޭނުންކޮށްގެން ވެސް ބޮޑު ސަރަހައްދެއް ބަލައިފި އެވެ.
އޭޕްރިލް ދެ ވަނަ ދުވަހުގެ ރޭ މި ބޯޓުގައި ރޯވެ އަޑިއަށް ދިޔައިރު، ބޯޓުގައި އެއްްކޮށް ރޯވުމުގެ ކުރިން އެންމެން ކަނޑަށް ފުންމާލިއެވެ.
މި ބޯޓުން ޖުމްލަ 18 މީހަކު ދަތުރު ކުރިއެވެ. އޭގެ ތެރެއިން މުޝްފިގް ފިޔަވާ އެންމެން ވަނީ ސަލާމަތް ކޮށްފައެވެ.
މުޝްފިގް ހޯދުމުގެ މަސައްކަތް އެރެއިން ފެށިގެން ދަނީ ކުރަމުންނެވެ.
އެމްއެންޑީއެފުން އެންމެފަހުން ބުނީ މުޝްފިގް ހޯދުމަށް ސާފަސް ސާޗުގެ ގޮތުގައި 53.04 ސްކޮޔާ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށާއި އަދި ޑައިވްކޮށްގެން 64،240 އަކަމީޓަރު ބަލާފައިވާއިރު ވައިގެ މަގުން 1545 ސްކޮޔާ މޭލު (4،000 އަކަމީޓަރު) ބަލާފައިވާ ކަމަށެވެ.
މުޝްފިގު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަދިވެސް އަންނަނީ ކަނޑާއި ވައިގެމަގުން އަދި ޑައިވަރުންގެ އެހީގައި ކުރަމުންނެވެ. މި އޮޕަރޭޝަނުގައި މިހާތަނަށް މުޝްފިގުގެ ހަބަރެއް ވެފައިވާ ކަމަކަށް ސިފައިން ނުބުނެ އެވެ.