ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު / އަދަދު
ހަބަރު
ފަނޑިޔާރު އަޒްމިރަލްދާ މައްސަލައާއި ގުޅިގެން ދިފާއުގައި 28 ހެއްކެއް ހުށަހަޅުއްވައިފި
Hussain Nawaf
ހުސައިން ނަވާފް
06 އޭޕްރީލު 2025

ޖުޑިޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން ބަލަމުންދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްސަލައާއި ގުޅިގެން ދިފާއުގައި 28 ހެއްކެއް އެކަމަނާ ހުށަހަޅުއްވައިފިއެވެ.

މިއަދު އަޒްމިރަލްދާގެ ފަރާތުން ދިފާއީ ހެކިން ހުށަހެޅީ ޖޭއެސްސީ އިން މައްސަލަ ތަހުގީގުކޮށް އެކުލަވާލި ފުރަތަމަ ރިޕޯޓުގެ ރައްދެއްގެ ގޮތުގައެވެ.

އެގޮތުން އަޒްމިރަލްދާގެ ފަރާތުންވަނީ ދިފާއީ ހެކީގެ ގޮތުގައި ކިތާބީ 17 ހެކި، ޝަފައީ 11 ހެކި އަދި އިތުރު 11 ހެެއްކެއް ހުށަހަޅާފައެވެ.

މީގެ އިތުރުން އެ މައްސަލަ ބެލުމަށް ކޮމިޝަނުން ނިންމީ، ކޮމިޝަނުގެ އިސްނެގުމަށް މައްސަލަތައް ބެލުމަށް އޮންނަ އިޖުރާއަތާ ހިލާފަށްކަމާއި ކޮމިޝަނުގެ ތަހުގީގު ގާނޫނުއަސާސީއާ ހިލާފަށް ކުރިއަށް ގެންގޮސް ޖަވާބުދާރީވުމަށާއި ދިފާއުވުމަށް ކޮމިޝަނުން ހުރަސްއެޅުމާއިއެކު ތަހުގީގު ކޮމިޓީގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ނުބޭއްވުމަށް ނިންމީ ގާނޫނީ ހަމައެއް ނެތި ކަމާއި ތަހުގީގު ނިންމުމަށް ފަހު ފޮނުވި ފުރަތަމަ ރިޕޯޓްގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ހިމަނާފައިވާކަމަށް އަޒްމިރަލްދާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން މައްސަލަ ސާބިތު ނުވާ ކަމަށް ކަނޑައަޅައިދިނުމަށްވެސް އަޒްމިރަލްދާގެ ފަރާތުން ޖޭއެސްސީއަށް ހުށަހަޅުއްވާފައިވެ.

އަޒްމިރަލްދާއަށް ތުހުމަތުކުރާ މައިގަނޑު އެއް މައްސަލައަކީ ކުށެއްގެ ތުހުމަތުގައި އޭނާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ބަންދުކުރުމުން އޭނާ ދޫކޮށްލުމަށް ނުފޫޒު ފޯރުވުމެވެ. ނަމަވެސް އަޒްމިރަލްދާ ގެންދަވަނީ ތަކުރާރުކޮށް އެ ތުހުމަތަށް އިންކާރުކުރައްވަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved