ކަޅު ކުލައިގެ ބުޅާތަކެއް / ގޫގުލް
ހަބަރު
ރައީސް މުއިއްޒު ސަރުކާރުން 30 ބުޅަލާއި ރަސްމީކޮށް ހަވާލުވެއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
06 އޭޕްރީލު 2025
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން 30 ބުޅާ ބެލެހެއްޓުމާއި ހަވާލުވެފައިވާ ކަމަށް މި ސަރުކާރުގެ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނެފި އެވެ.

"އޮޅު ހިޔާ" ނަމުގައި އެ ފެސިލިޓީ ރައީސް މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މާލޭ ސިޓީ ކައުންސިލާ ގުޅިގެން އެ ތަން ހެދިޔަސް، އެ ކައުންސިލުން އެ ތަން ހިންގަމުންދިޔަ ގޮތް ކަމުނުގޮސްގެން މިހާރު އެ ތަން ބަަލަހައްޓަމުންދަނީ މިނިސްޓްރީންނެވެ.

"އޮޅު ހިޔާ" ހަދާފައި ވަނީ ބުޅާތަކަށް ބޭނުންވާ އެކިއެކި ވަސީލަތްތަކާއި ހިދުމަތްތައް ލިބޭ ގޮތަށެވެ. މިއަދު މިނިސްޓްރީން ކުރި ޕޯސްޓެއްގައި ވަނީ، މިހާރު އެ ފެސިލިޓީގައި ބަލަހައްޓަމުން ދަނީ 30 ބުޅާ ކަމަށް ބުނެފަ އެވެ.

ކުރިން އެފެސިލިޓީގައި ހަރުކޮށްފައި ހުރި ދާގަނޑުގެ ދޭތެރެއިން ކުދި ބުޅާތަކަށް ނިކުމެވޭތީ އެކަން ހުއްޓުވަށްޓަކައި އިތުރު ދާގަނޑެއް ކުރީގެ ދާގަނޑު މަތިން ހަރުކޮށްފައިވާ ކަމަށް އެމިނިސްޓްރީން ބުނެފައިވެ އެވެ.

މި ފެސިލިޓީގައި ބުޅާތަކަށް އެކަށީގެންވާ ފެންވަރުގެ ޝެލްޓާތަކެއްގެ އިތުރުން އެ ތަނުގެ ތެރެއިން އެތަކެއްޗަށް ފަރުވާކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފަ އެވެ.

މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގައި ތެރޭގައި ހިމެނޭ ބުޅާ ފެސިލިޓީއަކީ މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ހަދާފައިވާ ތަނެކެވެ. މި މަޝްރޫއުގެ މަގްސަދުތަކުގެ ތެރޭގައި ރާއްޖޭގައި ޕެޓްކެއާގެ ހަރުދަނާ ގަވާއިދުތަކަކާއި އުސޫލުތަކެއް ތަންފީޒުކުރުން ހިމެނެ އެވެ.

މާލޭގައި ބުޅާ ގިނަވެފައިވާއިރު އޭގެ ސަބަބުން ސިއްހީ އެތައް މައްސަލަތަކެއް ވެސް ކުރިމަތިވެ އެވެ. މާލެ ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ މާލޭގައި ބުޅަލުގެ އާބާދީ 3،000 އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފަ އެވެ.

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ، ދުނިޔޭގެ ޖަނަވާރުގެ ސިއްހަތާބެހޭ ޖަމްޢިއްޔާގެ އެނިމަލް ހެލްތު ކޯޑުގައި ޖަނަވާރުގެ ދުޅަހެޔޮކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީފައިވެ އެވެ. އޭގެތެރޭގައި ދަނޑުވެރިކަމަށާއި، މުނިފޫހިފިލުވަމަށާއި، އިލްމީ ދިރާސާކުރުމަށާއި، އެނޫންވެސް ބޭނުންތަކަށް ޖަނަވާރު ގެންގުޅުމުގައި އެސޮރުމެންގެ ދުޅަހެޔޮކަން ކަށަވަރުކުރުން ހިމެނެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved