

ކާޅާއި ވާލާއެކީ އުޅެން ދަސްކުރަންޖެހޭ ކަމަށް އެނިމަލް ވެލްފެއާ އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ރޭ ވިދާޅުވެއްޖެ އެވެ.
"އަހާ" ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ކާޅާ ވާލުގެ މައްސަލަ ހައްލުކުރުމަކީ ވަރަށް ގިނަ މިނިސްޓްރީތަކެއް އެކުވެގެން ކުރާ މަސައްކަތެއް ކަމަށާއި އޭގެތެރޭގައި އެގްރިކަޗްލާ މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ އާއި ޓޫރިޒަމް އަދި އީޕީއޭ ހިމެނޭ ކަމަށެވެ.
ކާޅާ ވާލަކީ ވެސް ހަގީގަތުގައި އަޅުގަނޑުމެންނާ އެކީ އުޅެން ޖެހޭ އެއްޗެއް. އަޅުގަނޑުމެން އެބަ ދަސްކުރަންޖެހޭ ކާޅާއި ވާލާއެކީ އުޅެން. އެހެން ނަމަވެސް އަޅުގަނޑުމެން ގަބޫލުކުރަން ކާޅާއި ވާލަކީ މިވަގުތު ޕެސްޓަކަށް ވެފައި އޮތް އެއްޗެއް ކަމަށް،
މާރިޔާ ވިދާޅުވީ މިކަމުގެ މަޝްވަރާތައް ވަރަށް ބޮޑަށް ކުރަމުންދާ ކަމަށާއި އެގޮތުން ބޭރުގެ ގައުމުގެ ކޮންފަރެންސްތަކުގައި ވެސް މިކަމަށް ހައްލުތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެއިތުރަށް އީޕީއޭއާ އެކީ ވާހަކަދައްކައިގެން ވެސް ހައްލުތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ މިފަހުން ދެތިން ރަށެއްގައި ވާތަކެއް މެރިކަމަށެވެ. އެހެން ނަމަވެސް ހަގީގަތުގައި ކާޅާއި ވާލު މަރާކަށް ސަރުކާރުން ބޭނުމެއް ނުވާ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ވެސް ތިމާވެށްޓާއި ދިރޭތަކެތި ހިމާޔަތްކުރުމަށްޓަކާ ކުރެވޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.