

ދައުލަތުގެ އިސްވެރިން ނުފޫޒު ފޯރުވަން މަސައްކަތް ކުރާކަމަށް ބުނެ ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރު ހުށަހެޅި މައްސަލަ ނުބަލަން ފުލުހުން ނިންމައިފިއެވެ.
މި މައްސަލަ ފުލުހަށް ހުށަހެޅުއްވީ އެޕްރީލް 6 ވަނަ ދުވަހެވެ.
އެގޮތުން "އެންޓި ކޮރަޕްޝަން ކޮމިޝަނުން ދޮގު މައުލޫމާތު ދިނުމާ ގުޅޭ" މި ސުރުހީގެ ދަށުން އެޕްރީލް 6 ވަނަ ދުވަހު ފުލުހުންނަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމަކީ އެ މައުލޫމާތު ބަލައިގަތް އިދާރާ، ޖޭއެްސްސީ އިން ވަޒަންކޮށް އެއާއިމެދު ގޮތެއް ނިންމުމުން ނޫނީ އެފަދަ ޖިިނާއީ ކުށުގެ އަމަލެއްގެ ގޮތުގައި ކަނޑައެޅޭނެ ފަދަ ކަމެއް ކަމުގައި ނުވާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ތަހުގީގު ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ފުލުހުން މައުލޫމާތު ދިނެވެ.
މީގެ އިތުރުން "ފަނޑިޔާރަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރުމާއި، ގާނޫނު އެއްފަރާތްކޮށް ސުޕްރީމް ކޯޓޫ ހުއްޓުމަކަށް ގެނައުމާ ގުޅޭ ޝަކުވާ" މި ސުރުހީގެ ދަށުން 6 އެޕްރީލްގައި ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ކަންކަން އެގޮތުގައި ހުރިކަމަށް ބެލެވޭނެ އަދި އެކަންކަމާ ގުޅޭ ޖިނާއީ ކުށުގެ އަމަލެއް ހިންގައިފައިވާ ކަމަށް ބަލަންޖެހޭ އެކަށީގެްވާ ސަބަބުތަކެއް ނެތަތީ، ޖިނާނީ އިޖުރާއަތުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ތަހުގީގު ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
އަޒްމިރަލްދާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކީ ކޮބައި ކަމެއް މިހާތަނަށް އޭސީސީ އާއި ޖޭއެސްސީއަކަށް ބުނެ ނުދެވެއެވެ. އަދި އޭސީސީން އަދަދު ނޫހުން އާރުޓީއައިއެއް ހުށަހެޅުމުން ވެސް އެ މައްސަލައިގެ އެއްވެސް ތަފުސީލެއް ހާމަކުރަން ދެކޮޅު ހެދިކަންވެސްވަނީ ހާމަވެފައެވެ.
އަޒްމިރަލްދާ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް އޭސީސީން ތަހުގީގު ހިންގަނީ އަޒްމިރަލްދާގެ ފިރިކަލުން އިސްމާއީލް ލަތީފްގެ ބަންދު އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެވެ. ނަމަވެސް ކޮމިޝަނުން އެ މައްސަލަ އަކީ ބަލާ މައްސަލައެއްކަން ހާމަވެސް ނުކުރާކަން ފާހަގަކޮށްލެވެއެވެ.