ރައީސް ޔާމީން / ސޯޝަލް މީޑިއާ
ސިޔާސީ
ރައީސް ޔާމީނަށް ކުރާ ސިޔާސީ ދައުވާގެ ޝަރީއަތެއް އޭޕްރީލް 28 ގައި
Hussain Nawaf
ހުސައިން ނަވާފް
10 އޭޕްރީލު 2025

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރާ ސިޔާސީ ދައުވާގެ ޝަރީއަތެއް އޭޕްރީލް 28 ގައި އޮންނާނެކަން ހާމަވެއްޖެއެވެ.

އެގޮތުން މައްސަލައިގެ އަޑުއެހުންތައް ކުރިމިނަލް ކޯޓުގައި 28 އޭޕްރީލް ވާ ހޯމަ ދުވަހު ހެނދުނު 9 ޖަހާއިރު އަލުން ފެށުމަށް ނިންމާފައިވާކަން ތޭރަ އޮންލައިނަށް ވަނީ ކަށަވަރުވެފައެވެ. އަދި މައްސަލައިގައި ހިމެނޭ ޚަސްމުންނަށް ވަނީ ޗިޓުވެސް ފޮނުވާފައެވެ.

އެގޮތުން އެ އަޑު އެހުމުގައި ކުރިއަށް ދާނީ ދިފާއީ ހެކިބަސް ނެގުންކަމަށްވެސް 13 އޮންލައިނަަށްވަނީ މައުލޫމާތު ލިބިފައެވެ. އެ ދުވަހުގެ އަޑު އެހުމުގައި ކުރިއަށް ދާނީ އަބްދުﷲ ރަޝީދު، އަހްމަދު ނަރީޝް، ޝުއާއުﷲ ސައީދުގެ އިތުރުން އަހްމަދު ކްރިކް ރިޒާގެ ހެކިބަސް ނެގުމެވެ.

28 އޭޕްރީލްގައި އޮތީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލަކަން ފާހަގަކޮށްލެވެއެވެ.

އެމަނިކުފާނު ފްރޭމުކޮށް މީގެ ކުރިން ވ. ޢަރަށުގެ މައްސަލައިގައި އިއްވި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ހައި ކޯޓުން ވަނީ މައްސަލަ އަލުންބެލުމަށް އަންގާފައެވެ. އެފަދައިން ހުކުމް ކުރިއިރު ހައިކޯޓުން ވަނީ ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައިނުގަނެވޭނެ ކަން ވެސް ނިންމާ ހުކުމްކޮށްފައެވެ.

އައު ހެއްކާ ބެހޭ ބައި ދައުލަތުން ވަނީ ސުޕްރީމު ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލައިގެ އަޑު އެހުންތައް ނިންމާ ހުކުމު ކުރުމާ ހަމައަށް ވާސިލުވެފައިވަނިކޮށް ރައީސް ޑރ މުހައްމަދު މުއިއްޒު ސުޕްރީމު ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން، ތިން ފަނޑިޔާރަކު ސަސްޕެންޑުކުރި ކުރުމާއެކު ސުޕްރީމު ކޯޓުގެ ބެންޗު ހަމަނުވާތީ ވަނީ މަޑުޖެހިފައެވެ. އަދި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރަކު މިހާރު ވަނީ ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އިސްތިއުފާ ދެއްވާފައެވެ. އޭގެ ފަހުން އައި ފަނޑިޔާރަކު ވަނީ އެ ކޯޓަށް އައްޔަންވެސް ކޮށްފައެވެ.

ރައީސް ޔާމީން ފްރޭމްކޮށް ނިމިދިޔަ ސަރުކާރުން އެމަނިކުފާނު 11 އަހަރަށް ޖަލަށް ލާން ކުރި ހުކުމުގެ އިސްތިއުނާފުގައި ހައިކޯޓުން ކުރި ހުކުމުގައިވާ ހެކި އެއް ފަރާތްކުރުމުގެ ބައި ދައުލަތުން ސުޕްރީމު ކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

މި ސަރުކާރުގައި ރައީސް ޔާމީންގެ މައްސަލަތައް ބަލަން ފަށާފައިވާއިރު، ރިޔާސީ ބަހުސްގައިވެސް އަދި އިންތިހާބުގެ ތެރޭގައިވެސް އަދުގެ ރައީސުލްޖުމްހޫރިއްޔާ ވަކާލާތުކުރައްވާފައިވަނީ ރައީސް ޔާމީންގެ މައްޗަށް ކުރަނީ "ސިޔާސީ" ދައުވާތަކެއް ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved