ޑރ ޖަމީލް / ތޭރަ އޮންލައިން
ސިޔާސީ
މިއަދު ހާމަވެގެންދަނީ ރައީސް ޑރ މުއިއްޒުގެ އަނިޔާވެރިކަން: ޑރ ޖަމީލް
Hussain Nawaf
ހުސައިން ނަވާފް
11 އޭޕްރީލު 2025

މިއަދު ހާމަވެގެންދަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަނިޔާވެރިކަންކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ރައީސް މުއިއްޒު ގެންދަވަނީ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފަމުންކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.

ރައީސްް މުއިއްޒުގެ ލެގަސީއަކީ މީގެ ކުރިން ނުފެންނަ ވަރުގެ ވައްކަމާ ކޮރަޕްޝަންކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ. އެގޮތުން މޯލްޑިވްސް ގޭސްގެ މެނޭޖިންގ ޑިރެކްޓަރު ޢަބުދުﷲ މުހައްމަދު، އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދާއި، ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުހައްމަދު ރަޝީދު، ބާރަށު ދާއިރާގެ މަޖިލީސް މެމްބަރު އިބްރާހީމް ޝުޖާއު ފަދަ މީސް މީހުންނަށް ކުރެވޭ ބޮޑެތި ކޮރަޕްޝަނާ ވައްކަމުގެ ތުހުމަތު ގޮސް ނިމެނީ ރައީސް މުއިއްޒުއާ ހަމައަށް ކަމާއި އެ މައްސަލަތަކުގައި ފިޔަވަޅެއް އެޅުނުތޯ އައްސަވާ ޑރ ޖަމީލްވަނީ ސުވާލު އުފައްދާފައެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ބޭނުންފުޅުވުމުން ކުރީގެ އިމިގްތޜޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ޖަހައިފައިވާކަން ފާހަގަ ކުރައްވާ އެ މައްސަލަ ތަހުގީގު ކުރެވޭ ކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.

ނަމަވެސް ސުޕްރީމް ކޯޓްގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އޭސީސީގެ ރައިސްގެ ކޮރަޕްޝަންގެ މައްސަލަ ހުށަހެޅުއްވުމުން އެ މައްސަލަ ނުބެއްލެވޭތޯވެސް ޑރ ޖަމީލްވަނީ ސުވާލު އުފައްދަވާފައެވެ.

ވެރިކަމަކީ ރައީސް މުއިއްޒުގެ ތަރިކަ މުދާގަނޑެއްތޯ އައްސަވާ އެއީ އެމަނިކުފާނުގެ ވާރުތަމުދާ އައިގޮތަށް އައި ވެރިކަމެއްތޯވެސް ޑރ ޖަމީލްވަަނީ އައްސަވާފައެވެ.

އެގޮތުން ހިތަށް އެރީމަ ވާނުވާޖަހާ އަނިޔާވެރިވެ، ހިތަށް އެރީމަ އެމަނިކުފާނުގެ އައުވާނުންނަށް ކުރެވޭ ބޮޑެތި ތުހުމަތުތައް ފަސްއަޅާފޮރުވާލަނީކަމަށް ޑރ ޖަމީލް ތުހުމަތު ކުރެއްވިއެވެ.

ރައީސަކީ ރައްޔިތުންގެ ޚާދިމެއްކަމާއި ވެރިކަމުގެ ހުރިހާ ބާރަކީ ރައްޔިތުންކަމަށް ޑރ ޖަމީލްވަނީ ފާހަގަ ކުރައްވާފައެވެ. އަދި އަނިޔާވެރިވެ ތަފާތު ކުރުމަކީ ރައީސް މުއިއްޒު ޒިންމާ ނަގަން ޖެހޭކަމެއްކަމާއި ޒާތީވެ ބޮޑާވެގެން ނޫޅެވޭނެކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

ހަމަ އެހެންމެ ރައީސް މުއިއްޒަކީ އިހަކަށް ދުވަހާ ޖެހެންދެން ރާއްޖޭގައި ހުރި އާދައިގެ މީހެއް ކަމާއި މިޙާލަތުވެސް ބަދަލު ވާން ނަގާނީ ކަލާނގެ ގުދުރަތުން ސުން ސިކުންތެއްކަން ޑރ ޖަމީލްވަނީ ރައީސް މުއިއްޒަށް ހަނދައިން ކޮށްދެއްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved