

ރައީސުލްޖުމްހޫރިއްޔާ ފަރިއްކުޅުވަން އާރަށުގައި ތައްޔާރުކުރާ ކާއެއްޗިއްސަށް ބޭނުންވާ ބާވާތްތަކަށް އެއް ދުވަހަށް -/9،000 ރުފިޔާއަރާކަން ހާމަވެ ސަރުކާރު ހޫނު ފެނަށް ވެއްޓުމުން އެކަން ދޮގުކުރަން ކުރި މަސައްކަތުން ސަރުކާރު އިތުރަށް ބަރަހަނާވެއްޖެެއެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުން އަންނަ އިންވޮއިސް އަކުން ހާމަވާ ގޮތުގައި މި ހަފްތާ ބަންދާ ދިމާކޮށް އާރަށް / މުލިއާގެއަށް ވަނީ ގެރި މަހާ ޑިނގާގެ އިތުރުން ކަންބަޅި ބަކަރީގެ މަސް ގަތުމަށް 8565.10 ރުފިޔާ ޚަރަދުކޮށްފައެވެ. އެ ފައިސާ ދައްކާފައިވަނީ ނަގުދު ފައިސާއިން ކަމަށް ރަސީދުގައިވެއެވެ.
މިކަމާ ގުޅިގެން ރާއްޖޭގެ އޮލައިންތަކުން ޚަބަރު ޝާއިއުކުރުމާ ގުޅިގެން މުލިއާގޭގެ ވަޒީރު އިޤްބާލް އާދަމް ވަނީ ސޯޝަލް މީޑިޔާގައި ޕޯސްޓެއް ކުރައްވާ އެއީ ދޮގުކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ ޕޯސްޓުގައި އިޤްބާލު ހިއްސާކުރައްވާފައިވަނީ ހަމައެކަނި "ތޭރަ އޮންލައިން" އިން ޝާއިއު ކުރި ޚަބަރަށްވާއިރު އިޤްބާލު ވިދާޅުވެފައިވަނީ "ތޭރަ އޮންލައިންގެ ފަރާތުން 2025 އޭޕްރީލު 11ވަނަ ދުވަހު މުލީއާގޭ ބަޖެޓުން ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަށް ކޮށްފައިވާ ޚަރަދެއް ކަމަށް ބުނެ ފަތުރާފައިވަނީ ދޮގު ޚަބަރެއް" ކަމަށެވެ.
އިޤްބާލު މިފަދައިން ވިދާޅުވެފައިވާއިރު "ތޭރަ އޮންލައިން" ގައި ޝާއިއު ކުރި ޚަބަރުގައި އެންމެ ފަހަރަކުވެސް އެއީ "މުލިއާގޭގެ ބަޖެޓުން" ކުރި ޚަރަދެއް ކަމަށް ބުނެފައިނުވާނެއެވެ. އަދި އެއަށް ފައިސާ ދެއްކީ ވެސް މުލިއާގޭގެ ބަޖެޓުން ކަމަށް ވެސް ބުނެފައިނުވާނެއެވެ. އެހެންކަމުން އިޤްބާލު މިވަނީ ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކޮށްފައިކަން ފާހަގަކޮށްލެވެއެވެ.
އިންވޮއިސް ބިލުކޮށްފައި ވަނީ "މުލިއާގެ / އާރަށް" މިފަދައިންނެވެ. އެހެންކަމުން އިޤްބާލު ހޫނު ފެނަށް ވެއްޓި ދިފާއުވުމަށް ކުރި ޕޯސްޓުން މިވަނީ ސަރުކާރު އިތުރަށް ބަރަހަނާވެ ބުޅާ ގޯނިން ބޭރުވެފައިކަން ހާމަވެއެވެ. އެހެންކަމުން އިންވޮއިސް އަކާ އެކު ކީ އަޑުގައި ވަނީ ރެނދެއް ލާފައިކަން ހާމަވެއްޖެއެވެ.
ސަރުކާރުން އަގު ބޮޑެތި ކާތަކެތި ގަތްކަމުގެ ޚަބަރު ޝާއިއުކޮށްފައިވަނީ ހަމައެކަނި "ތޭރަ އޮންލައިން" އިން ނޫން ކަމަށްވާއިރު ސަރުކާރުގެ ބޮޓުންގެ ސަމާލުކަމަށް މިކަން އައީ މި ނޫހުން ޝާއިއުކުރުމުން ކަމަށް ބެލެވެއެވެ.