

އެމްޑީޕީ ސަރުކާރުން ލޯނު ނަގާތީ ފާޑުކިޔަމުން ވެރިކަމަށް އައި، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވެސް ތަރައްގީގެ މަޝްރޫއުތަކަށް ލޯނު ނެގުން ނޫންގޮތެއް ނެތް ކަމަށް ހާމަކޮށްފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ މި ސަރުކާރުގެ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުއެވެ. އެގޮތުން ގދ. ފިޔޯރީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ފެށުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި މުއްތަލިބު ވަނީ ސަރުކާރަށް 17 މަސް ވެގެން ދިޔައިރު އެއްވެސް ތަރައްގީއެއް އެއްވެސް ރަށަކަށް ގެނެސްދެވިފައިނުވާ ނުވުން ދިފާއުކުރައްވާ އެއީ ފައިސާ ނެތުމުން ކަން ވެފައި އޮތްގޮތް ކަމަށް ރައްޔިތުން ގަބޫލުކުރަން ވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ ސިކުނޑިއަށް ސަވާރުވުމަށް މަސައްކަތްކުރައްވާފައެވެ.
މުއްތަލިބު ވިދާޅުވީ، މި ސަރުކާރުގައި ބޮޑު ޚަރަދެއް ދަނީ ރިކަރަންޓު ޚަރަދު ނުވަތަ މުސާރަ ދިނުމަށް ކުރާ ޚަރަދަށް ކަމަށާ އޭގެ ސަބަބުން ތަރައްގީގެ މަޝްރޫއުތަކަށް ހޭދަ ކުރާނެ ފައިސާ ދައުލަތުގައި ނުހުންނަ ކަމަށެވެ. ނަތީޖާއަކަށް ވެގެން ގޮސްފައިވަނީ ތަރައްގީގެ މަޝްރޫއުތަކަށް ލޯނު ނަގަން ޖެހުން ކަމަށް ވެސް މުއްތަލިބު ވަނީ ވިދާޅުވެފައެވެ.
އާމްދަނީއަށްވުރެ އިތުރަށް އަޅުގަނޑުމެން ރިކަރަންޓު ހަރަދުކުރަންޖެހޭ. އެހެންވީމަ މިފަދަ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރުން މި ޖެހެނީ އަބަދުވެސް ކޮންމެވެސް ތާކުން ލޯނެއް ހޯދަން. އެއީ ރާއްޖެ އެތެރެއިން ބޮންޑު ވިއްކައިގެން ނެގި ކަމުގައިވިޔަސް ރާއްޖެއިން ބޭރުން ލޯނު ނެގިކަމުގައިވީ ނަމަވެސް. އަޅުގަނޑު އެދެނީ ސަރުކާރުން ކުރާ މިފަދަ މަސައްކަތްތަކުގެ ވީހާވެސް ބޮޑަކަށް އެއްބާރުލުންދީ ސަރުކާރަށްވެސް ދިމާވާ ގޮންޖެހުންތައް ގަބޫލުކޮށް އަޅުގަނޑުމެންނަށް ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކުރަމުންދާ މަސައްކަތުގައި ރައްޔިތުން ބައިވެރިވެގެން ކުރިއަށްދިއުން
ޚަރަދު ބޮޑުވެ ތަރައްގީއަށް ހޭދަ ކުރާނެ ފައިސާ ނެތްކަމަށް ވަޒީރު މުއްތަލިބު ވިދާޅުވެފައިވާއިރު ދައުލަތުން މުސާރައަށް ކުރާ ހަރަދު އިތުރުވެފައިވާ މައިގަނޑު ސަބަބަކީ ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުވުމެވެ. ނަމަވެސް މި ސަރުކާރުގެ ސިޔާސީ މަގާމުތައް މަދު ކުރުމުގެ ބަދަލުގައި އަދިވެސް ގެންދަވަނީ އެކި މަގާމުތަކަށް މީހުން އައްޔަންކުރަމުންނެވެ. ދުނިޔޭގެ މާލީ އިދާރާތަކުން ވެސް ވަނީ ރާއްޖޭގެ ކަރަދު ކުޑަނުކޮށްފި ނަމަ ލަންކާ ދަތުރުކުރި މަގުން ގޮސް ގައުމު ބަނފުރޫޓުވާނެކަމުގެ އިންޒާރުދީ އިސްލާހީ އަވަސް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.