މަނަވަރު ބޭނުންކުރާ ސިފައިން ތަމްރީނު ކުރަނީ / ސޯޝަލް މީޑިއާ
ހަބަރު
1981 ގައި މިސައިލް ހަރުކުރެވޭ ގޮތަށް އުފައްދާފައިވާ މަނަވަރެއް ތުރުކީއިން ރާއްޖެއަށް ހަދިޔާ ކުރަނީ!
13 އޭޕްރީލު 2025
މާލެ ސިޓީ

1981 ވަނަ އަހަރު މިސައިލް ހަރުކުރެވޭ ގޮތަށް އުފައްދާފައިވަ މަނަވަރެއް ތުރުކީއިން ރާއްޖެއަށް ހަދިޔާކުރަން ނިންމާފާކަން ހާމަވެއްޖެއެވެ.

ތުރުކީގެ ދިފާއީ ވުޒާރާއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި މަނަވަރަކީ ރާއްޖޭގެ ދިފާއީ ކަންކަމުގައި އެހީތެރިވެދިނުމުގެ ގޮތުން ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެމްއޯޔޫއެއްގެ ދަށުން ހަދިޔާކުރާ އުޅަނދެކެވެ.

ތުރުކީން ހަދިޔާކުރާ މަނަވަރަކީ އެ ގައުމުގައި 1981 ވަނަ އަހަރު އުފައްދާފައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރެވެ. ޖަރުމަނު ކުންފުންޏަކުން ފަރުމާކޮށްފައިވާ މި އުޅަނދަކީ ވަޔާއި ކަނޑުގެ މަގުން ހަމަލާދިނުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ އުޅަނދެއް ކަމަށް ވެއެވެ.

މަނަވަރު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހު ކަމަށާ މަނަވަރު ބޭނުންކުރުމަށްޓަކައި ދިވެހި ސިފައިން ފުރިހަމަ ކުރަން ޖެހޭ ތަމްރީނުތައް މިހާރު ވެސް ހޯދަމުންދާ ކަމަށް ވެސް ތުރުކީގެ ނޫސްތަކުގައި ހާމަކޮށްފައިވެއެވެ.

އެގޮތުން މިދިޔަ ހަފުތާގައި ސިފައިން ފެށި އެ ތަމްރީނުތައް ތުރުކީގެ ނޭވަލް ފޯސަސް ކޮމާންޑުން ކުރިއަށް ގެންދާ ކަމަށާ އަދި އަންނަ މަހުގެ 9 ގައި ތަމްރީނުތައް އެއްކޮށް ނިންމާލާނެ ކަމަށް މައުލޫމާތު ހާމަކޮށްފައިވެއެވެ.

މި މަނަވަރު ރާއްޖެ ފޮނުވުމުގެ ކުރިން އިސްތަންބޫލުގެ ނޭވަލް ޝިޕްޔާޑުގެ ކޮމާންޑުގައި މަރާމާތުކޮށްފައިވާ ކަމަށް ވެސް ތުރުކީގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. މަނަވަރު ރާއްޖެ އައުމަށް ފަހު، މިސައިލް ބޯޓު މަސައްކަތްތައް ފުރިހަމަކޮށް، އެކްޓިވޭޓު ކުރަނީ ތުރުކީ ނޭވީގެ ޓީމަކުންނެވެ.

މި އުޅަނދު ދިވެހި ސިފައިން ބޭނުންކުރަން ފެށުމުގެ ކުރިން، އެ އުޅަނދުގައި ހަރަކާތްތެރިވާ ސިފައިންނަށް އިތުރު ތަމްރީނުތައް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ދެ ހަފުތާގެ މުއްދަތަށް ދެމިގެންދާ މި ތަމްރީނުތައް ދެނީ ތުރުކީގެ ނޭވަލް އިންސްޓްރަކްޓަރުންނެވެ.

މީގެ 43 އަހަރު ކުރިން އުފައްދާފައިވާ މަނަވަރެއް ރާއްޖެއަށް ތުރުކީއިން ހަދިޔާކުރާއިރު އެ މަނަވަރުގެ ސަބަބުން ބޮޑެތި ފަސޭހަތައް ލިބިގެންދާނެ ކަމަށް ސަލާމަތީ ކަންކަން ބަލަހައްޓާ އިދާރާތަކުން ހާމަކޮށްފައިވެއެވެ.

ނަމަވެސް މަނަވަރަކީ މިސައިލު ހަރުކުރެވޭ މަނަވަރަކަށްވާއިރު ތުރުކީއިން އެދޭ މަނަވަރުގެ ބަދަލުގައި ތުރުކީއިން މިސައިލް ގަންނަން ރާއްޖެއިން ޖެހޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved