

ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރުމަށް އެތައް ބަހަނާއެއް ދެއްކުމަށްފަހު ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ ހިސާބުތައް ޓުއަރިޒަމް މިނިސްޓްރީން އާންމު ކުރިއިރު ސަހްޔޫނީ ފަތުރުވެރިންގެ އަދަދު ސިއްރުކޮށްފިކަން ހާމަވެއްޖެއެވެ.
ހިސާބުތައް އާންމު ކުރާއިރު، މީގެ ކުރިން އިޒްރޭލުން އަންނަ ފަތުރުވެރިންގެ އަދަދު ވަކިން ފާހަގަ ކުރާކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ޖެނުއަރީ މަހުގެ ހިސާބުތައް އާންމު ކުރިއިރު ސަހްޔޫނީ ފަތުރުވެރިންގެ އަދަދު ވަނީ ސިއްރުކޮށްފައެވެ.
މީގެ ކުރިން އާންމު ކުރާ ހިސާބުތަކުގައި އީސްޓް މެޑިޓެރޭނިއަން ޔޫރަޕުގެ ދެ ގައުމެއްގެ ހިސާބު ވަކިން ހާމަކުރެއެވެ. އެއީ ސަހްޔޫނީންނާއި ތުރުކީއިން އަންނަ ފަތުރުވެރިންނެވެ. ނަމަވެސް ޖެނުއަރީ މަހުގެ ހިސާބުތައް އާންމު ކުރިއިރު އިޒްރޭލު އުނިކޮށް އިތުރުކޮށްފައި ވަނީ ސައިޕްރަސްއެވެ.
އިޒްރޭލު ހިމެނޭ ގޮތަށް އެ ސަރަހައްދުގެ އެހެން ގައުމުތަކުގެ ހިސާބު ހިމަނާފައި ވަނީ "އަދާ އީސްޓް މެޑިޓެރޭނިއަން" ގެ ތެރެއިންނެވެ. އެހެންކަމުން އިޒްރޭލުން ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ވަނީ ސިއްރުވެފައެވެ.
ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ސަހްޔޫނީ ޕާސްޕޯޓް މަނާކުރުން އަވަސްނުކޮށް ލަސް ކުރުމާއި ގުޅިގެން ގިނަ އަދަދެއްގެ އާންމުންދަނީ ފާޑު ކިޔަމުންކަން ފާހަގަކޮށްލެވެ އެވެ. އަދި ސަރުކާރުން ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރާނެ ކަމަށް ބުނެ ޖެއްސީ ސްޓަންްޓެއް ކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރެ އެވެ.
އެގޮތުން ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރިކަމަށް ދައުލަތުުން ބުނެ ދޮގު ހެދި ފަހުން މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ސަހްޔޫނީންގެ 2000 އަށް ވުރެއް އިތުރު މީހުން ރާއްޖެ އެތެރެވިކަން މީގެ ކުރިން ހާމަވެފައިވެއެވެ.