

ރައީސް މުހައްމަދު މުއިއްޒު ދިވެހި ދައުލަތުގެ ވެރިކަމުގައި ހުންނަން މިހާރު އެއްވެސް މޯރަލް އޮތޯރިޓީއެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެންއެފުން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، ގައުމުގައި އިންސާފު ގާއިމުކުރަން އޮތް ޖުޑީޝަރީއަށް ރައީސް މުއިއްޒު ނުފޫޒު ފޯރުވަމުންދާއިރުވެސް ރައްޔިތުންގެ މަޖިލިސް ހަނު އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ގާނޫނާ ޚިލާފު އެތައް ކަމެއް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާއިރުވެސް މަޖިލީހުން އެމަނިކުފާނު މަގާމުން އަޒަލު ނުކޮށް ތިބޭ ތިބުމާ މެދު ރައީސް ޔާމީން ވިދާޅުވީ އެއީ މަޖިލިސް ފެއިލްވެފައިވާކަމުގެ ހެކި ކަމަށެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު މިހާރު ރައީސްކަމުގައި ހުރުމުގެ ހައިސިއްޔަތު ގެއްލިފައިވާ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ސުޕްރީމު ކޯޓުގެ ދެ ފަނޑިޔާރަކު ސަސްޕެންޑްކޮށް ރައީސް މުއިއްޒު ގެންދަވަނީ ޖުޑީޝިއަރީ އަށް ނުފޫޒު ފޯރުވަމުން ކަމަށެވެ. ސުޕްރީމު ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ފުލުހަށް ހުށަހެޅި މައްސަލަވެސް އެ އިދާރާއިން ނުބަލާ ބޭރުކޮށްލުމުން ވެސް ރައީސް ޔާމީން ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ފުލުހުންނަކީ އެމީހުން ހިތަށް އެރި މައްސަލައެއް ބަލާ ހިތަށް އެރި މައްސަލައެއް ނުބެލުމުގެ ބާރު ލިބިގެންވާ ބައެއް ނޫން ކަމަށާ އަޒްމިރަލްދާ ހުށަހެޅި މައްސަލަ ނުބަލާ ބޭރުކޮށްލީ ސީދާ ރައީސް މުއިއްޒުގެ އަމުރަށް ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ޖުޑިޝިއަރީއަށް ރައީސް މުއިއްޒު ނުފޫޒު ފޯރުވަމުންދާއިރު އުއްތަމަ ފަނޑިޔާރު ބަސްފުޅެއް ވިދާޅުނުވާތީ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ ފެނިގެން ދަނީ މުސާރަ ލިބޭތީ ހަމަ ކޮންމެ ކަމެއް ހެޔޮވަރުވެގެން އުއްތަމަ ފަނޑިޔާރު ހުންނަވާ މަންޒަރު ކަމަށެވެ.