

ގިނަ ބަހަނާތަކެއް ދެއްކުމަށްފަހު 316 ދުވަސް ފަހުން ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލަންދެން ސަހްޔޫނީ ޕާސްޕޯޓު މަނާކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ 241 ކޮމިޓީން މިއަދު ނިންމައިފިއެވެ.
ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރާނެކަމަށް ސަރުކާރުން އިއުލާނު ކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހެވެ.
ސަރުކާރުން އެކަން އިއުލާނުކުރި އިރު ސަހްޔޫނީ ޕާސްޕޯޓު މަނާކުރަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް އޮތީ ބިލެއް ހުށަހަޅާފައެވެ.
އެގޮތުން އެ ބިލު ބަލައިގަނެ އެ ބިލަށް ސަރުކާރުން ބޭނުންވާ އިސްލާހުތައް ގެނައުމަށްފަހު ޕީއެންސީ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން 241 ކޮމިޓީއަށް އެ ބިލު ފޮނުވީ މިދިޔަ އަހަރުގެ ޖޫން 10 ވަނަ ދުވަހެވެ.
އެގޮތުން ގިނަ ބަހަނާތަކެއް ދެއްކުމަށްފަހު، 316 ދުވަސް ފަހުން ސަހްޔޫނީ ޕާސްޕޯޓު މަނާކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ 241 ކޮމިޓީން މިއަދު ނިންމިކަން ފާހަގަ ކުރެވެއެވެ.
ނަމަވެސް ސަހްޔޫނީންގެ ތެރެއިން އެހެން ގައުމެއްގެ ޕާސްޕޯޓު އޮންނަ އެ ގައުމުގެ ރައްޔިތުންނަށް ރާއްޖެ އެތެރެވުން މަނާ ނުކުރަން އިމިގްރޭޝަނުން މަޖިލީހުގައި އެދުނުކަން ފާހަގަކޮށްލެވެއެވެ.
ސަހްޔޫނީންގެ ތެރެއިން ގިނަ މީހުންނަކީ ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުންނެވެ. އެގޮތުން މި އިސްލާހު އިމިގްރޭޝަނުން އެދިފައިވާ ގޮތަށް ފާސްކޮށްފި ނަމަ، އިޒްރޭލުގެ ގިނަ މީހުންނަށް ރާއްޖެ އެތެރެވުމުގެ ހުރަހެއް ނޯންނާނެއެވެ.