

ރައީސް ޑރ މުހައްމަދު މުއިއްޒުފަދަ ހުދު މުހުތާރު ވެރިއެއް ދިވެހި ތާރީހު ނުދެކޭކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވަމުން ގެންދަވާ އަހްމަދު މުހައްމަދު ވަހީދު ވައްޑެ ވިދާޅުވެއްޖެއެވެ.
ވައްޑެ މިފަދައިން ވިދާޅުވެފައިވަނީ ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައީސް މުއިއްޒުގެ ބަސް ނުވިކޭ އެއްވެސް މީހަކު އެއްވެސް މުއައްސަސާއަކަށް ނުލައްވާނެކަމަށް މީގެ ކުރިންވަނީ ވިދާޅުވެފައެވެ. އަދި މުއައްސަސާތަކަށް އައްޔަން ކުރެއްވި ބޭފުޅުންނާއެކު ފެއްޓެވީ ޑީލުތައް ހައްދަވަންކަމަށް ވައްޑެ ތުހުމަތު ކުރެއްވިއެވެ.
މުއައްސަސާތަކާއި އެސްއޯއީތަކަށް މުއިއްޒު ލާފަ ތިބީ މުއިއްޒު އާއި އެކު މާލޭ ސިޓީ ކައުންސިލުން ފެށިގެން ޑީލްތައް ހަދަމުން އައި މީހުން. ވަޖީހު ވިދާޅުވި ވަކި ކުރެއްވި ރޭވެސް 5 ލައްކަ ރުފިޔާ ގެނެސްދިންކަމަށް. ހަގީގަތުގައި އަޅުގަނޑުމެންނެއް ނޫން މިއަދު މުއިއްޒު ދެކެ ރުޅި އައިސްފައި ހުރީ. އަޅުގަނޑުމެންނަށް ވުރެއް މާ ރުޅި އައިއްސަ ވަޖީހު ހުރީ.
އަބަދަކު ވެރިކަމުގައި ނުހުންނާނެ ކަމާއި ގާނޫނު ރައީސް މުއިއްޒާއި އަރާ ހަމަ ކުރާނެ ދުވަހެއް އޮތްކަމަށް ވައްޑެ ވިދާޅުވިއެވެ.
ވައްޑެ މިފަދައިން ވިދާޅުވެފައިވާ އިރު ދައުލަތުގެ ޖުމްލަ ހަރަދުތަކުގެ ތެރެއިން ރިކަރަންޓް ހަރަދަށް 93 އިންސައްތަ ހަރަދުކޮށްފައިވާ އިރު ކެޕިޓަލް ހަރަދުތަކަށް ކޮށްފައިވަނި އެންމެ 7 އިންސައްތައެވެ.
އެއާއެކު ވެރިކަމަށް 18 މަސް ދުވަސް ފާއިތުވެފާވާއިރު ބޭރުގެ އެކި ގައުމުތަކަށް 17 ވަރަކަށް ދަތުރުފުޅު ކުރެއްވި އިރު އެ ދަތުރުފުޅުތަކުން ގައުމަށް ލިބުނީ ގެއްލުންކަން ބުނެ ރައްޔިތުންދަނީ އެކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ނުރުހުން ފާޅު ކުރަމުންކަން ފާހަގަ ކުރެވެއެވެ.
މީގެ އިތުރުން ރައީސް މުއިއްޒަކީ ރައްޔިތުންނަށް ހުރިހާ ކަމެއްގައި މިސާލު ދައްކަވަން ހުރި ބޭފުޅާއަށް ވެފައި ޚުދު އެމަނިކުފާނު ގެންދަވަނީ ރައްޔިތުންނަށް ހުރިހާ ކަމެއްގައި ދޮގާ މަކަރާ އޮޅުވާލުން އިސްކުރައްވަމުންކަން ފާހަގަކޮށްލެވެއެވެ. އަދި އެކަންކަމަކީ ވެސް ދީނުގައި ނުރަގަޅު އާދަތަކުގެ ގޮތުގައި ފާހަގަކޮށް އެކަންކަމުން ދުރުހެލިވާން އަންގަވާފައިވާ ކަންކަމަށްވާއިރު ރައީސް މުއިއްޒު ވެސް ގެންދަވަނީ ދީނުގައި އަންގަވާފައިވާ ގޮތްތަކާ ޚިލާފަށް އަމަލުކުރަމުން ކަމަށް ބެލުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށްލެވެއެވެ.