March 19, 2026
Advertisement
ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރު
ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރު / ދަ އެޑިޝަން

ފަނޑިޔާރު އަޒްމިރަލްދާ މަޖިލީހަށް ހުށަހެޅުއްވި ޝަކުވާގެ މައްސަލަ ބެލުމަށް ޖުޑީޝަރީ ކޮމިޓީން މިއަދު ނިންމައިފި

Hussain Nawaf
ހުސައިން ނަވާފް
Apr 14, 2025, 10:04 PM

ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ މައްޗަށް ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން ބަލަމުން ދަނީ ބޭއިންސާފުން ކަމަށް ވިދާޅުވެ މަޖިލީހަށް ހުށަހެޅުއްވި ޝަކުވާގެ މައްސަލަ ބެލުމަށް ޖުޑީޝަރީ ކޮމިޓީން މިއަދު ނިންމައިފިއެވެ.

Advertisement

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ޖިނާއީ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަން ފަށާ އެކަމާ ގުޅިގެން ތިން ފަނޑިޔާރަކު ވަނީ ސަސްޕެންޑުކޮށްފައެވެ. ސަސްޕެންޝަނުގައި ހުއްޓައި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ.

ޖޭއެސްސީން ދަނީ އަޒްމިރަލްދާގެ ތިން މައްސަލައަކާއި ފަނޑިޔާރު މަހާޒު އަލީގެ ދެ މައްސަލައެއް ބަލަމުންނެވެ.

އެގޮތުން އެ ކޮމިޝަނުން ބަލަމުންދަނީ އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީންތަކަކަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައަކާއި، ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނެ، އެ ތަނުގައި އަޒްމިރަލްދާ އާއި މަހާޒު އިންނެވީތީ ބަލާ މައްސަލައިގެ އިތުރުން އަޒްމިރަލްދާގެ ދިފާއުގައި އޭނާގެ ވަކީލު އިބްރާހީމް ޝަމީލް ނޫސްބަޔާން ނެރުއްވާތީ އެކަމާއި ގުޅޭ ސުލޫކީ މައްސަލައެކެވެ.

ފުރަތަމަ އަޑުއެހުންތައް ބޭއްވީ މިދިޔަ މަހު ކުރީކޮޅުގަ އެވެ. ދެ ފަނޑިޔާރުންގެ ބަޔާނާއި ކްރިމިނަލް ކޯޓުގެ ތިން ގާޒީއެއްގެ ބަޔާން ނެގުމަށް ފަހު ތަހުގީގުގެ ފުރަތަމަ ރިޕޯޓް، މިދިޔަ މަހު 13ގައި ފަނޑިޔާރުންނަށް ވަނީ ފޮނުވައިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved