

އއ. އުކުޅަހު ސްކޫލުގެ ޕްރިންސިޕަލް ޝަހުލާ އިމާދުއާ ގުޅޭ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމާއި ގުޅިގެން އެކަމުގެ ޝަކުވާއާ އެކު ބެލެނިވެރިން އަދި ޓިޗަރުންގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއަށް ހަތަރު ފަހަރުގެ މަތިން ޕެޓިޝަން ހުށަހަޅާފައިވާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
"ތޭރަ އޮންލައިން" އަށް ވަރަށް މުއުތަބަރުކޮށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޕެޓިޝަންތައް ހުށަހަޅާފައިވަނީ ޝަހުލާގެ ޣައިރު ޒިންމާދާރުކަމުން ސްކޫލަށް އެތަކެއް ގެއްލުމެއްވަމުންދާ މައްސަލައިގައެވެ.
އެނގިފައިވާ ގޮތުގައި ސްކޫލުގެ ކަންކަން ނިންމުމުގައި ޢާއްމުގޮތެއްގައި އެސްއެމްޓީއާ ސްކޫލުގެ ލީޑިން ޓީޗަރުންގެ އިތުރުން އެއްވެސް ޓީޗަރެއްގެ ވެސް ޚިޔާލާއި މަޝްވަރާ ނުހޯދާ ކަމަށާއި، ހަމައެކަނި ޝަހުލާއަށް އަދި އޭނާ ބޭނުންވާ ގޮތަށް ލަފާދޭ މަދު މީހަކަށް ފެންނަ ގޮތަކަށް ކަންކަން ނިންމުމާ، ކިޔަވައިދިނުމުގެ ކަންކަމުގައި އަދި ސްކޫލާއި ގުޅުން ހުރި އެހެނިހެން ކަންކަމުގައިވެސް މުވައްޒަފުންގެ މެދުގައި ޝަހުލާ ފާޅުކަން ބޮޑު ގޮތެއްގައި ތަފާތުކުރުން ގެންގުޅުމާއި، ސްކޫލުގެ ޕްރިންސިޕަލުގެ ގޮތުގައި ހުރެމެ ޝަހުލާ އިސްވެ ސްކޫލުގައާއި އަދި ސްކޫލުން ބޭރުގައިވެސް ބައެއް މުވައްޒަފުން ބަދުނާމުކޮށް އެ މުވައްޒަފުންގެ އަބުރު ކަތިލާ ވާހަކަދެއްކުމާއި، ޙަގީގަތާ ޚިލާފު ވާހަކަ ފެތުރުން ފަދަ އެތައް މައްސަލައެއް އެ ޕެޓިޝަންތަކުގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން އެ މައްސަލަތަކަށް އަވަސް ހައްލެއް ނުލިބިއްޖެ ނަމަ ސުކޫލުގެ ދަރިވަރުންނާއި ރަށުގެ މުޅި މުޖުތަމައަށް އޭގެ ނޭދެވޭ އަސަރުކުރާނެކަމާއި އެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ވެސް އެޑިއުކޭޝަނު މިނިސްޓްރީގައި އެދިފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ނަމަވެސް މިއިން އެއްވެސް ޕެޓިޝަނަކަށް މިނިސްޓްރީއިން އެދެވިގެންވާ އެއްވެސް ހައްލެއް ހޯދައި ދީފައިނުވާ ކަމަށާއި، ޓީޗަރުންނާއި ބެލެނިވެރިން އަދި ދަރިވަރުންވެސް މިހާރު ތިބެން ޖެހިފައިވަނީ ޝަހުލާ އިމާދުގެ ނުފޫޒުން ކަސްތޮޅު އެޅިފައިކަމަށް ބައެއް ބެލެނިވެރިން ވަނީ މި ނޫހަށް މައުލޫމާތު ދީފައެވެ.
ޝަހުލާ އިމާދުއާ ގުޅުން ހުރި ޕްރޮފެޝަނަލް އެތައް މައްސަލަތަކެއް ފާހަގަކޮށް އެޑިއުކޭޝަން މިނިސްޓްރީއަށް އެ ސްކޫލުގެ ބެލެނިވެރިންނާއި ޓީޗަރުން ހިމެނޭހެން 2020 ވަނަ އަހަރުން ފެށިގެން ވެސް ގެންދަނީ އެތައް ޝަކުވާއަކާ އެތައް ޕެޓިޝަނެއް ހުށަހަޅާ އެތައް އާދޭހެއް ކުރަމުން ކަމަށާއި އަދި ތަކުރާރުކޮށް މުދައްރިސުންގެ ކަންބޮޑުވުންތައް އުކުޅަހު ކައުންސިލާވެސް ހިއްސާކޮށްފައިވާ ކަމަށާއި، ނަމަވެސް އެޑިއުކޭޝަނުން އެކަމަށް އެދެވިގެންވާ އެއްވެސް ހައްލެއް ނުލިބޭ ކަމަށާއި އަދި ޝަހުލާ ގެންދަނީ ސިޔާސީ ގޮތުން ނުފޫޒު ފޯރުވާ މައްސަލަތައް އޮއްބާލަމުން ކަމަށް ވެސް ބައެއް ބެލެނިވެރިން ވަނީ ކިޔައިދީފައެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަނުގެ ބަހެއް ހޯދާލަން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.
ޕްރިންސިޕަލް ޝަހުލާގެ ސަބަބުން އުކުޅަހު ސުކޫލަށް ދިމާވެފައިވާ މިފަދަ އެތައް ކަންބޮޑުވުމެއް ހުއްޓުވާނެ އެއްވެސް މުއައްސަސާއެއް ނެތި މިއަދު އުކުޅަހު ސުކޫލުގެ ބެލެނިވެރިންނާއި ޓީޗަރުންވެސް ތިބީ ނަފްސާނީ ގޮތުން ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ވެސް މި ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.