

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ކޮރަޕްޝަން ފްރީ ސަރުކާރެއް ނަމަ ދައުލތުގެ ކަންކަން ސިއްރުނުކޮށް ހާމަކުރާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ "ޗެނަލް13"ގެ "ނިއުސްޓޯކު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. އާޒިމްވަނީ، ރައީސް މުއިއްޒު ކޮރަޕްޝަނަށް ޖާގަ ނުދެއްވާނެ ކަމަށާ އެކަމުގެ ހެއްކަކީ ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުންގެ ކޮރަޮޕްޝަންގެ މައްސަލަތައް ތިލަވުމުން މަގާމުތަކުން ދުރުކުރުން ކަމަށް ބުނެ ސަރުކާރު ޕްރޮމޯޓުކުރާ ފަރާތްތަކުން މީސް މީޑިޔާގައި ދައްކަމުންދާ ވާހަކަތަކަށް އިޝާރާތްކުރައްވާފައެވެ.
އެގޮތުން އާޒިމް ވިދާޅުވީ ރައީސް މުއިއްޒުއަކީ އެހާ ކޮރަޕްޝަން ފްރީކޮށް ސަރުކާރު ހިންގަވާ ހާމަކަން ބޮޑު ބޭފުޅެއް ނަމަ، ގާނޫނުން ހާމަކުރަން ލާޒިމުކުރާ ކަންކަން ސިއްރުނުކޮށް ނުވަތަ އެ މައުލޫމާތު ނުހިފަހައްޓާ ހާމަކުރައްވާނެ ކަމަށެވެ. ނަމަވެސް މި ސަރުކާރުގައި ފެނިގެން ދަނީ އާރުޓީއައިތަކަށް ޖަވާބު ނުދެއްވާ މައުލޫމާތު ހިފަހައްޓަމުން ގެންދަވާ މަންޒަރު ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ގޯސްކޮށް ކަމެއް ނުހިނގާނަމަ ފޮރުވާނެ އެއްޗެއް ނޯންނާނެ ކަމަށާ ޖެހިލުމެއް ނެތި މައުލޫމާތު ހާމަކުރާނެ ކަމަށެވެ. މި ސަރުކާރުން ވަކި ބަޔަކަށްވީތީ މައުލޫމާތު ނުދީ ހިފަހައްޓާކަން ވެސް އާޒިމް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފިނޭންސް މިނިސްޓްރީއިން ވެސް ހާމަކުރަން ޖެހޭ ދައުލަތުގެ ހިސާބުތައްވެސް ހާމަނުކޮށް އެތައް ދުވަހެއް ފާއިތުކުރާކަމާ އެއީ ރައްޔިތުންގެ ފައިސާކުރާ ޚަރަދުތައް ކަމަށްވެފައި އެކަމުގެ މައުލޫމާތު ވެސް ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެހެންކަމުން ސަރުކާރުގެ ވެރިންގެ ކިބައިގައި އިޚުލާސްތެރިކަމެއް ނެތްކަން ހާމަވާ ކަމަށެވެ.
އާޒިމް މިފަދައިން ވިދާޅުވެފައިވާއިރު ރައީސް މުއިއްޒު ވެސް އިންތިހާބުގެ ތެރޭގައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ހާމަކަން ބޮޑު ސަރުކާރު ކަމަށާ އެމަނިކުފާނުގެ ސަރުކާރުގައި ފޮރުވާނެ އެއްޗެއް ނޯންނާނެ ކަމަށެވެ. ޚާއްސަކޮށް ނޫސްވެރިންނަށް ފޮރުވާނެ އެއްޗެއް ނޯންނާނެ ކަމަށް ރައީސް މުއިއްޒު އޭރު ވިދާޅުވި ނަމަވެސް މިހާރު ނޫސްވެރިން ހުށަހަޅާ އާރުޓީއައިތަކަށްވެސް ރައީސް އޮފީހުން ޖަވާބު ނުދީގެން އެތައް ފަހަރަކު އެތައް ނޫސްވެރިއަކު އިންފޯމޭޝަން އޮފިސަރުގެ އޮފީހަށް ހުށަހަޅާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި ދައުލަތުގެ ބައެއ ވުޒާރާތަކަށް އާރުޓީއައި ހުށަހެޅުމުން ނޫސްވެރިންނާ މެދު މައްސަލަ ތަހުގީގުކުރާނެކަމުގެ އިންޒާރުވެސް ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ގެންދަމުން ކަން ފާހަގަކޮށްލެވެއެވެ.