ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް / ރައީސް އޮފިސް
ސިޔާސީ
މި ސަރުކާރުގެ ސިޔާސަތަކީ ހެނދުނު ހޭލާއިރު އެދުވަހަކު ރައީސްގެ ހިތްޕުޅަށް އަރާގޮތް: މޭޔަރު އާޒިމް
16 އޭޕްރީލު 2025
މާލެ ސިޓީ

ޕީއެންސީ ސަރުކާރުގެ ސިޔާސަތަކީ، އެ ދުވަހަކު ރައީސުލްޖުމްހޫރިއްޔާ އަވަހާރަފުޅުން ހޭފުޅުވަޑައިގަންނަވާއިރު ހިތްޕުޅަށް އެ އަރާވަޑައިގަންނަވާ ގޮތް ކަމަށް ވިދާޅުވެ ސަރުކާރުގެ ސިޔާސަތުތަކަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ފާޑުވިދާޅުވެއްޖެއެވެ.

ޗެނަލް13ގެ "ނިއުސް ޓޯކު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މިއީ ސިޔާސަތުތައް އޮޔާ ގޮސް ދޯހަޅިވެފައި އޮތް ސަރުކާރެއް ކަމަށެވެ. އެގޮތުން މި ސަރުކާރުން ރައްޔިތަކަށް ކޮށްދިން އާރުލާ އޮއްޓަރުހުރި ކަމެއް ނެތް ކަމަށާ މުޅިން ވެސް ފެންނަމުން ދަނީ އެހެން މީހުން ކޮށްފައި ހުރި ކަންކަމުން ކްރެޑިޓު ނަގަމުންދާ މަންޒަރު ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އެތައް ކޮންސްޓްރަކްޝަން ކުންފުންޏަކަށް ސަރުކާރުން ބިލިއަނުން ފައިސާދޭން ހުރިނަމަވެސް އެ ފައިސާ ނުދީ ހުރުމުގެ ސަބަބުން ވިޔަފާރިތައް ހަލާކުވަމުންދާ ކަމަށެވެ. ހަމައެހެންމެ ތަކެތީގެ އަގު ބޮޑުވެ ޑޮލަރުގެ މައްސަލައަށްވެސް ހައްލެއް ނުލިބޭކަން އާޒިމް ފާހަގަކުރެއްވިއެވެ.

އާޒިމް ވިދާޅުވީ ލޯންގް ޓާމް ޕްލޭނެއްކޮށް ހުރި މައްސަލަތަކަށް ހައްލު ހޯދަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ.

އާޒިމް ވިދާޅުވި އަދުގެ ސަރުކާރުގައި ހަރުދަނާ އެއްވެސް ސިޔާސަތެއް ނެތް ކަމަށާ ފެންނަމުން ދަނީ ލިބޭ އާމްދަނީއަށް ވުރެ ޚަރަދު ބޮޑުވެގެންދާ މަންޒަރު ކަމަށެވެ.

އާޒިމް ވިދާޅުވީ ގައުމެއް ހިންގަން ޖެހޭނީ ގައުމަށް ލިބޭ އާމްދަނީ އަކަށް ބަލައިގެން ކަމަށާ ގައުމަށް ލިބޭ އާމްދަނީއަށް ވުރެ ޚަރަދު އިތުރުކޮށްގެން ގައުމު ހިންގާނަމަ ސިޔާސަތު އެ ވަނީ ފެއިލްވެފައި ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved