ރައީސް ޔާމީން / ޕީޕީއެމް
ސިޔާސީ
ޓޯކު އޮފް ދަ ޓައުންއަކީ ރައީސް މުއިއްޒުގެ ދޮގު ހެދުމުގެ ވާހަކަ: ރައީސް ޔާމީން
17 އޭޕްރީލު 2025
މާލެ ސިޓީ

މިއަދު މުޅި ގައުމު ދައްކަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިތުރު ހެދުމުގެ ވާހަކަ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒުއަކީ ރައްޔިތުންނަށް ކަންކަން އޮޅުވާލަމުން ގެންދަވާ ބޭފުޅެއް ކަމަށާ މިހާރު އެކަން މުޅި ގައުމާ ރައްޔިތުންނަށްވެސް ހާމައަށް އެނގޭކަން ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ވެސް އެނގިލައްވާ ކަމަށެވެ.

ރައީސް މުއިއްޒު، ތިމަން މަނިކުފާނަކީ އިޚްލާސްތެރިކަމާ އެކު ދޮގު ނުހަދާ މަސައްކަތްކުރާނެ ކަމަށް އިންތިހާބުވުމުގެ ކުރިން ވާހަކަފުޅު ދެއްކެވި ނަމަވެސް މިއަދު ރައީސް މުއިއްޒުގެ ތެދުވެރި އެއްވެސް ސިފައެއް އެބައޮތް ތޯ ސުވާލު އުފެދޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އާރަށުގެ ފަރިއްކުޅުގެ ވާހަކައިގައި ސަރުކާރުގެ ވެރިން ތެޅޭ ތެޅުމުން އެނގެނީ އެކަމުގައި ހަގީގަތް އޮތްކަން ކަމަށާ ރައީސް މުއިއްޒު މީރު އެއްޗެހި ފަރިއްކުޅުވުމުގައި މައްސަލައެއް އޮތީ ނޫން ކަމަށާ މައްސަލައަކީ ކަންކަމުގައި ދޮގު ހެދުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސަކަށް ހުންނަ ބޭފުޅަކަށް ވެރިކަން ކުރައްވަން ފަސޭހަފުޅު ވާނީ ތެދުވެރިކަމާ އެކު ތެދުބަހުން ވާހަކަ ދެއްކެވުމުން ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒުގެ ދޮގު ހެދުމުގެ ކަންބޮޑުވުން ދިވެހި ރައްޔިތުންގެ ހުރިކަން ރައީސް މުއިއްޒުގެ އަނބިކަނބަލުންނާ ހަމައަށް ވެސް ފޯރާފައިވާ ކަމަށާ އެކަންކަމުގައި ނަސޭޙަތްތެރިވުމަށް ސާޖިދާ ޕަބްލިކަށް ދެއްވާ މެސެޖެއްގެ ގޮތުގައި، ގުރުއާނާ އެއްގޮތަށް އުޅުން ބައްޓަން ކުރައްވަން އިލްތިމާސްކުރައްވަނީ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ފަރސްޓު ލޭޑީއާ ފަރސްޓު ފެމިލީއަށް ފާޑުކިޔާތީ ބޮޑެތި މައްސަލަތައް އުފައްދައިގެން އުޅޭއިރު އެއީ ވެރިކަމަށް އައުމާއެކު ޕަބްލިކު ޑޮމެއިނަށް އަންނަ ބައެއް ކަމަށެވެ. އެހެންކަމުން ގޭތެރޭގެ ކަންކަން ގޭތެރެއިން ހައްލުކުރުމަށް ރައީސް ޔާމީން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved