ރައީސް ޔާމީން ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން
ސިޔާސީ
ކޮރަޕްޝަންގެ މައްސަލަތައް ބަލަން ފަށާނަމަ ބިސްމި އަޅާފައި ދެން ޖަހަން ޖެހެނީ މުއިއްޒުގެ ނަން: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
21 އޭޕްރީލު 2025
މާލެ ސިޓީ

މި ސަރުކާރުގައި ކޮރަޕްޝަނާ ވައްކަން އިންތިހާއަށް އިތުރުވެފައިވާއިރު އެ މައްސަލަތައް ނުބެލިގެން އުޅެނީ މައްސަލަތައް ގޮސް ނިމެނީ ރައީސް މުހައްމަދު މުއިއްޒުއާ ހަމައަށް ކަމަށްވުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި އޯޑިއަންސްގައި އިންނަވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ގައުމުގައި މިހާރު ވެރިކަމުގެ ކޮއިލުގައި ތިބީ އެކަކަށް ދޫނުކުރާވަރުގެ ބޮޑެތި ވަގުންކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ ބައިތުލްމާލުން ބޮޑެތި ބިޔަ ވައްކަންތައް ކުރި ނަމަވެސް އެއިން މައްސަލައެއް ނުބަލާ ކަމަށާ ނުވެސް ބެލޭނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މިނިސްޓަރުންގެ ލެވެލްއިން ފެށިގެން ގޮސް ކުންފުނިތަކުގެ އެމްޑީއިންނާ އަދިވެސް އިތުރު މީހުން ހިމެނޭހެން ދައުލަތުގެ ތެރެއިން ކުރަމުންދާ ވައްކަންތައް ނުބެލެނީ އެކަމުގެ ފަހަތުގައި އެންމެންނަށް އެނގޭ ބޮޑު ސިއްރެއް އޮތުމުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މައްސަލަތައް ބަލަން ފަށާ ހިސާބުން ތުހުމަތުތައް އަމާޒުވާ މީހުން މޭޒުގެ އަނެއް ފަޅީގައި ތިބެގެން އެންމެ ފުރަތަމަ ވެސް ކިޔާނީ ރައީސް މުއިއްޒުގެ ނަން ކަމަށާ އެހެންކަމުން މައްސަލައިގެ ބަޔާން ނަގާއިރު ބިސްމިއަށް ފަހު ދެން އެންމެ ފުރަތަމަ ލިޔަން ޖެހެނީ ރައީސް މުއިއްޒުގެ ނަން ކަމަށެވެ. އެހެންކަމުން މި ސަރުކާރުގައި ބޮޑެތި ވައްކަންތައް ކޮށްފައިތިބި މީހުންގެ މައްސަލަ ބެލޭނެ ގޮތެއް ނޯންނާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފުވެސް މަގާމާ ހަވާލުވި ދުވަހު ނުހަނު ހަރު އަޑުން، މޫނަކަށް ކަނދުރައަކަށް ނުބަލާ މައްސަލަތައް ބަލާނެ ކަމަށް ވިދާޅުވި ނަމަވެސް، އެއީ މަގާމާ މުސާރައިގެ ދަހިވެތިކަމުގައި ދެއްކި އިސްކޮޅާ ނުބައްދަލު ވާހަކައެއް ކަމަށެވެ. އެގޮތުން ރައީސް ޔާމީން ވަނީ ރައްޔިތުންގެ ފައިސާއިން ވެރިން ފާޅުގައި ވައްކަންކުރަމުންދާއިރުވެސް ޕީޖީ އިސްވެ އެކަންކަން ތަހުގީގުކުރުމަށް ފުލުހުންނަށް ނާންގާތީ ނުރުހުން ފާޅުކުރައްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved