

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރާ އެއްކޮޅަށް ރާއްޖެއިން ވޯޓު ދީފިއެވެ.
މިދިޔަ ބުދަ ދުވަހު "ކޯޕަރޭޝަން ބިޓްވީން ދަ ޔުނައިޓެޑް ނޭޝަންސް އެންޑް ދަ ކައުންސިލް އޮފް ޔޫރަޕް" ނުވަތަ އދ އާއި ކައުންސިލް އޮފް ޔޫރަޕްގެ މެދުގައި އެއްބާރުލުން ދިނުމާއި ގުޅޭ ގަރާރަށް އދ. ގެ 81 ވަނަ އާންމު މަޖިލީހުގައި ވޯޓަށް އަހާފައިވެއެވެ. އެ ވޯޓުގައި ބައިވެރިވެ 105 ގައުމަކުން ގަރާރާ އެއްކޮޅަށް ވޯޓުދީފައިވެއެވެ. އޭގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.
މި ގަރާރުގައި ވަނީ "ހުރިހާ އިންސާނީ ހައްގުތަކެއް" ހިމާޔަތްކޮށް އދ އިން ޔޫރަޕުގެ ކައުންސިލް އާއި ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާފައެވެ.
މި ގަރާރުގައި ބުނެފައިވަނީ އދ އާއި ކައުންސިލް އޮފް ޔުރަޕް ގުޅިގެން "މިނިވަންކަން ކުރިއެރުވުމާއި، ޚިޔާލުފާޅުކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ވިސްނުމާއި، ދީން ނުވަތަ އަގީދާގެ މިނިވަންކަން، އެއްވެސް ތަފާތުކުރުމެއް ނެތި މުޖުތަމައުގެ އެންމެހާ މެންބަރުންގެ ހައްގުތަކާއި ކަރާމާތް ހިމާޔަތްކުރުމުގެ ވާހަކައެވެ.
މީގެ އިތުރުން މި ގަރާރުގައި ވަނީ ޑިމޮކްރަސީ ކުރިއެރުވުމާއި، ވެރިކަން ކުރުމާއި، ގާނޫނާއި ހެޔޮވެރިކަމާއި، ކޮންމެ ފެންވަރެއްގައިވެސް އަނިޔާކުރުން ހުއްޓުވުމާއި، ލާއިންސާނީ ނުވަތަ ނިކަމެތި އަމަލެއް ނުވަތަ އަދަބެއް ދިނުން ހުއްޓުވުމާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ ވާހަކައެވެ.
ރާއްޖެއިން މި ގަރާރަށް ވޯޓު ދީފައި މިވަނީ މި ގަރާރުގައި އިސްލާމްދީނުގެ ހުކުމްތަކަށް ފުށުއަރާ ކަންކަން ހިމެނިފައިވެސް ވަނިކޮށެވެ. އެގޮތުން ހުޅަނގުގެ ގައުމުތަކުން ގަބޫލުކުރާ ލާ-އިންސާނީ އަނިޔާ ނުވަތަ އަދަބުތައް ހިމެނެއެވެ. އެއީ އިސްލާމްދީނުގައި ހުކުމް ކަނޑައަޅާފައިވާ ކަންކަމެވެ. މި ގަރާރުގައި ލާއިންސާނީ ނުވަތަ ނިކަމެތި އަމަލެއް ނުވަތަ އަދަބެއްގެ ގޮތުގައި ބުނެފައިވަނީ ޒިނޭ ކުރުމުން ކަނޑައަޅާފައިވާ ހައްދު ޖެހުމުގެ އަދަބާއި، މަރަށް މަރު ހިފުމާއި، ދީނީ މިނިވަންކަމާއި، ބޭނުން ހިޔާލެއް ބޭނުން ގޮތަކަށް ފާޅުކުރުމުގެ ވާހަކަތައްކަން ފާހަގަކޮށްލެވެއެވެ.
މިފަދަ ގަރާރަކަށް ރާއްޖެއިން ވޯޓު ދީފައިވާއިރު، އެއް ޖިއްސުން ގުޅުން ހިންގުމާ ދަރިން އެބޯޓުކުރުން ފަދަ ފާހިޝް އަމަލުތަކަށް ބާރުދޭ އެގްރިމަންޓެއް ކަމަށްވާ ސަމޯއާ އެގްރިމަންޓުގައިވެސް މި ސަރުކާރުން ވަނީ ސޮއިކޮށްފައެވެ.
މި ސަރުކާރަކީ ވަރަށް ގިނަ ދީނީ އިލްމުވެރިންގެ ތާއީދާއެކު ގެނައި ސަރުކާރަކަށްވެފައިވާ މި ސަރުކާރުން އިސްލާމު ދީނާ ބިރައްޓެހި މިފަދަ ކަންކަން ކުރަމުން ގެންދާއިރުވެސް އެ ދީނީ އިލްމުވެރިން ބަހެއް ނުުބުނާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރެއެވެ.