

އެޓަމިކް ހަކަތައާބެހޭ ބައިނަލްއަގުވާމީ އިދާރާ (އައިއޭއީއޭ)ގެ ވެރިޔާ ރަފައޭލް ގްރޮސީ ދެން އީރާނަށް ވަނުމުގެ ފުރުސަތު ނުދޭނެކަމަށް އެ ގައުމުގެ ޕާލަމެންޓްގެ ނައިބު ރައީސް ހަމީދު ރިޒާ ވިދާޅުވެއްޖެ އެވެ.
އީރާނުގެ ނިއުކްލިއާ އަދި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން މި މަހުގެ 13 ވަނަ ދުވަހު ހަމަލާދޭން ފަށައި 12 ދުވަސް ވަންދެން ވަރުގަދަ ހަމަލާތައް ދީފައިވެ އެވެ. މިއީ އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދުން ހުއްޓުވަން ދިން ހަމަލާތަކެއް ކަމަށް ބުނާއިރު އީރާނުން އަބަދުވެސް ބުނަމުން އަންނަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަކީ އެ ގައުމުގެ މަގްސަދެއް ނޫން ކަމަށެވެ.
އައިއޭއީއޭގެ އިސްވެރިޔާ ރަފައެލް ގްރޮސީ ވިދާޅުވެފައިވަނީ، އެމެރިކާ އާއި އިސްރާއީލުން އިރާނުގެ ނިއުކްލިއާ އިންފްރާސްޓްރަކްޗަރަށް ދިން ހަމަލާތަކަކަށް ފަހުވެސް، އީރާނުން ދުވަސްކޮޅެއް ފަހުން ޔުރޭނިއަމް އުފެއްދުން އަލުން ފަށާފާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ގްރޮސީ ވިދާޅުވެފައިވަނީ އީރާނަށް ދިން ހަމަލާތަކުގެ ސަބަބުން ނިއުކްލިއާ އުފެއްދުމަށް އަދި ވަރަށް ގިނަ ދުވަސް ނަގާނެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ބުނުމާ ގުޅިގެންނެވެ. ސީބީއެސް ނިއުސްއާ ވާހަކަ ދައްކަވަމުން ގްރޮސީ ވިދާޅުވީ، މުހިންމު ބައެއް ތަންތަނަށް ހަމަލާ ދީފައިވީ ނަމަވެސް، އެ ތަންތަނުގެ ތެރެއިން ބައެއް ތަންތަން އަދިވެސް ހުރި ކަމަށެވެ.
އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ސަހްޔޫނީން އެމެރިކާއިން ހަމަލާދިން އިރު އެންމެ ކުޑަމިނުން އެކަން ކުށްވެރިކޮށްލަން އައިއޭއީއޭއަށް ނުކުރެނު ކަމަށް ބުނެ އީރާންގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ވަނީ އައިއޭއީއޭ އަށް އެއްބާރުލުން ދިނުން ހުއްޓާލަން ފާސްކޮށްފަ އެވެ. އެހެންވެ ނިއުކްލިއާ މަރުކަޒުތަކަށް ލިބުނު ގެއްލުން ބެލުމަށް އެ ތަންތަނަށް ޒިޔާރަތްކުރުމުގެ ހުއްދަ ވެސް ނުދޭނެ ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.
އީރާނުގެ ގާޑިއަން ކައުންސިލުން މިގާނޫނު ވަރަށް އަވަހަށް ރަސްދީގު ކުރާނެކަމަށްވަނީ ބެލެވިފައެވެ. އޭރުން ގާނޫނަކަށްވާނެ އެވެ.
ނިއުކްލިޔާ ހަކަތައާބެހޭ ތަޖުރިބާކާރުން ބުނާގޮތުން އީރާން މިހާރު މަސައްކަތްކުރާނެ ކަމަށް ބެލެވެނީ ސިއްރިޔާތުގައި ނިއުކްލިޔާ ބޮން އުފެއްދުމަށެވެ. އެއީ އެގައުމުގެ ސަލާމަތާއި ރައްކާތެރިކަން އެނޫންގޮތަަކަށް ހިފެހެއްޓޭނެ ގޮތެއް ނެތުމުންނެވެ. ނަމަވެސް ޑިޕްލޮމަސީއަށްޓަކައި ނިއުކްލިޔާ ފެތުރުން މަނާކުރާ މުއާހަދާއިން ވަކިނުވެ އީރާން އޮންނާނެ އެވެ. އެއީ ނިއުކްލިޔާ ހަތިޔާރު އުފައްދަން ބޭނުންވާ ވަގުތު ހޯދުމަށްޓަކައެވެ. ހަމައެކަނި ބޭރުފުށުގެ ދަޅައެއްގެ ގޮތުންނެވެ.
އީރާނުން އެގަުމުގެ މަދަނީ އަދި ސިނާއީ ބޭނުމަށް ނިއުކްލިޔާ ހަތިޔާރު ނުއުފައްދަންވީ ސަބަަބެއް ވެސް ނެތްކަމަށް އެގައުމުގެ ރައްޔިތުން ގަބޫލުކުރެއެވެ. ސަބަބަކީ އިރާނުން ނިއުކުލިއާ ނައްތާލުމަށް ބޭނުންވާ ސަހްޔޫނީންނާއި އެމެރިކާގައި ނިއުކުލިއާ ހަތިޔާރު ހުރުމެވެ.