ރައީސް މަނިކުފާނެވެ. މައްސަލައަކީ އަސްކަރިއްޔާއަށް ހަތިޔާރު ގަތުމެއް ނޫނެވެ. މައްސަލައަކީ މިވަގުތުގެ ހާލަތެވެ. / ތޭރަގްރެފިކްސް
ރިޕޯޓު
ރައީސް މަނިކުފާނެވެ. މައްސަލައަކީ އަސްކަރިއްޔާއަށް ހަތިޔާރު ގަތުމެއް ނޫނެވެ. މައްސަލައަކީ މިވަގުތުގެ ހާލަތެވެ.
22 އޭޕްރީލު 2025
މާލެ ސިޓީ

އަސްކަރިއްޔާ ދިފާޢުކޮށްނުދެވި، ދައުލަތަށް ވެވޭނެ ދިފާޢުއެއް ނޯންނާނެއެވެ. މިއީ ހަގީގަތަކެވެ. އެކަމަށްޓަކައި އަސްކަރިއްޔާ ވަރުގަދަވެ އަސްކަރީ ހަތިޔާރާއެކު ޒަމާނާއެއް ގޮތަށް ތަމްރީނުވެސް ވާން ޖެހޭނެއެވެ. ނަމަވެސް ކޮންމެ ކަމެއް ކުރުމަށް ވެސް ވަގުތާ ސާތާ ހާލަތްވެސް ތަންދޭން ޖެހޭނެއެވެ. މިއީވެސް ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ.

މި ރިޕޯޓުގައި މި ފަދަ ކަމަކަށް ނަޒަރު ހިންގާލަން ގަސްތުކުރަމެވެ. އެގޮތުން ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމުގެ ނަމުގައި ބަރު ހަތިޔާރާ އެކު ޓޭންކަރުތަކެއް ދިވެހި ސަރުކާރުން ބޮޑު އަގުގައި ގަނެފިއެވެ. ގާތް ގަޑަކަށް 54 މިލިއަނަށް ވުރެ ގިނަ ދިވެހި ފައިސާ އެކަމަށް ޚަރަދު ވާނެ ކަމަށް ލަފާކުރެވޭއިރު އެ ޓޭންކަރުތަކުގެ ސަބަބުން އަސްކަރިއްޔާ ލުއި ފަސޭހަ އާ އިތުރު ގާބިލުކަން ލިބިގެންދާނެ ކަމަށް ސަރުކާރުގެ ވެރިން ވިދާޅުވެއެވެ. އެ ވާހަކައާ ދެކޮޅު ހަދާކަށް އަޅަގުގަޑު ނެތީމެވެ. ނަމަވެސް މީގައި އަޅުގަޑު އެ ބޭފުޅުންނާ އަދި އެކަމުގެ ދިފާއުގައި ވާހަކަ ދައްކާ ސަރުކާރުގެ ބޮޓުންނަށް ވެސް އަމާޒުކުރަން ބޭނުންވާ ސުވާލަކީ "މިއީ އެކަމަށް ހަމަ އެންމެ މުނާސަބު ވަގުތު ހެއްޔޭއެވެ".

ދިވެހި އަސްކަރިއްޔާ ވަރުގަދަ ކުރުމަށް މި ސަރުކާރުން ކުރާ ހޭދަތަކަށް މަލާމާތް ކުރަނީ ގައުމީ ލޯބި ނެތް މީހުން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެކަމަށް ރައްޔިތުންނާ އަދި ގައުމު ދެކެ ލޯބިވާ ސިޔާސީ ފަރާތްތަކުންވެސް ކުރީ މަލާމާތެއް ނޫނެވެ. އަޅުގަޑު ދުށް ތަނުގައި އެ ހުރިހާ ފަރާތްތަކުން ވެސް ފާޅުކޮށްފައި ހުރީ ކަންބޮޑުވުމެވެ. އެހެންކަމުން ކަމުގެ ހަގީގަތް ރައީސް މީހާއެއް ކަމަކު އޮޅުވާ ނުލާށެވެ.

އެގޮތުން ބައެއް ދިވެހި ރައްޔިތުން، އެމިޙުންގެ ތުއްތު ދަރިންނަށް ދޭން ބުއް ދަޅެއްހާ މިންވަރުވެސް ގަނެނުލެވިފައި ތިބި ދަނޑިވަޅެއްގައި އެ ރައްޔިތުންގެ ފައިސާއިން މިފަދަ ޚަރަދެއް މި ވަގުތުކުރުން ހަމަ މުހިއްމުތޯ ރައްޔިތުން ސުވާލު އުފައްދައެވެ. މީގެ އިތުރުން ރާއްޖެ ނުރައްކާތެރި ޙާލަތަކަށް އަތުވެއްޖެ ނަމަ އެހީވުމަށް އިންޑިއާއާ އެކު އެއްބަސްވުން ހަދާ އެކަމަށް ވެސް އެތައް ހޭދައެއް ދައުލަތުން ކުރަމުން ގެންދާކަމަށާ އެހެންކަމުން މި ވަގުތަށް މިފަދަ ޚަރަދުކުރުމުގެ ބޭނުމަކީ ކޮބައި ކަމާ މެދު ސުވާލު އުފައްދަނީ ވެސް ހަމަ ދިވެހި ރައްޔިތުންނެވެ. ގިނަ ރައްޔިތުން ބުނެފައިވަނީ މިއީ މި ވަގުތަށް ބަލާއިރު ބޭކާރު ޚަރަދެއް ކަމަށެވެ.

އެހެންކަމުން މިއީ ގައުމު ދެކެ ލޯބި ނުވާތީ ނުވަތަ ގައުމިއްޔަތުވަންތަކަމެއް ނެތިގެން ހުއްބުލްވަތަންގެ ލޯބި ނެތިގެން އުޅޭ އުޅުމެއް ކަމަށް ފެންނަ ފެނުމުގައި ގަބޫލުނުކުރެވެއެވެ. ރައްޔިތުން ކުރީ މަލާމާތެއް ނޫނެވެ. ރައްޔިތުން ފާޅުކުރީ ކަންބޮޑުވުމެވެ. އެ ރައްޔިތުން ބަނޑަށް ތިއްބާ ބަރު ހަތިޔާރު ބޮޑު އަގުގައި ގަނެ އެ ފައިސާއިން އަދި އިސްރާއީލަށް ވެސް ބައި އެޅޭތީއާ އެކު ރައްޔިތުން ބުނެފައިވަނީ މިއީ ހަމަ ގައުމު އޮތް ހާލަތަށް ބަލާއިރު މިފަދަ ޚަރަދެއް ކުރުން ހަމަ އެންމެ މުނާސަބު ވަގުތު ހެއްޔޭއެވެ. އެއީ އެ ރައްޔިތުންނަށްވެސް ގައުމު އިގްތިސޯދު އޮތް ހާލަތާ ގައުމުގެ މިސްރާބު ހުރި ދިމާ ދައުލަތުގެ ހިސާބު ކިތާބުތަކުން ހާމަވާތީވެސް އާއެކުއެވެ.

ޚަރަދު އިންތިހާއަށް ބޮޑު، ދައުލަތް ހިންގުމުގެ ޚަރަދަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ޚަރަދުކުރަން ޖެހިފައި އޮވެމެ، ދައުލަތުގެ ޚަރަދުތައް ކުޑަ ނުކޮށްފިނަމަ ގައުމު ސޮވެރިން ޑިފޯލްޓަކަށް ހިނގައިދާނެކަމުގެ އިންޒާރު ދުނިޔޭގެ މާލީ އިދާރާތަކުން ދީފައިވެސް ވާ ދަނޑިވަޅެއްގައި މިއީ ބަރު ހަތިޔާރު ބޮޑު އަގުގައި ގަނެ އަސްކަރިއްޔާއަށް އާމީ އިތުރުކުރުމަށް ހަމަ އެންމެ ރަގަޅު ވަގުތާ ސާތު ބާއޭ ގިނަ ބަޔަކު ސުވާލު އުފައްދަނީ، ލަންކާ ދިޔަ ދޯދިޔާ މަގުން ރާއްޖެ ދާން އެ ރައްޔިތުން ނޭދޭތީއެވެ. ގައުމަށް އެ ރައްޔިތުންގެ ހިތުގައި އޮތް ލޯތްބާ ގައުމުގެ ހާލަތާ މެދު އެ ރައްޔިތުންގެ ހިތުގައި އޮތް ކަންބޮޑުވުމުގެ ސަބަބުންނެވެ.

އެހެންކަމުން އަސްކަރިއްޔާއަށް އެއްޗެއް ގެނެސްދީގެން ބަޔަކު މަލާމާތެއް ނުކުރެއެވެ. ނަމަވެސް ގައުމު އޮތް ހާލަތުން ގައުމު ދެކެ ލޯބިވާ ދަރިންނަށް ގައުމުގެ މިސްރާބު ހުރީ އިގްތިސޯދީ ގޮތުން އަނދަވަޅަކާ ދިމާއަށް ކަން ޔަގީންވާތީ އެ ދަރިން ކަންބޮޑުވަނީއެވެ. އެއަށް ކިޔަނީ ހުއްބުލް ވަޠަންއެވެ.

ރައީސް މަނިކުފާނެވެ. މައްސަލައަކީ އަސްކަރިއްޔާއަށް ހަތިޔާރު ގަތުމެއް ނޫނެވެ. މައްސަލައަކީ މިވަގުތުގެ ހާލަތެވެ. މިކަން މަނިކުފާނުވެސް ގަބޫލުކުރައްވާށެވެ. ތިޔަހެން ރައްޔިތުންގެ ކަންބޮޑުވުންތަކުގައި ކޮޅުފައިން ޖަހާ ރައްދު ބަސް ދޭނަމަ ޕްރިފަރެންޝިއަލް ވޯޓިންއަކަށް ބަދަލުކުރި ނަމަވެސް ދެ ވަނަ ދައުރު އޮންނާނީ އަތް ނުފޯރާފަށަށް ދުރުގައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved