ރައީސް ޑރ. މުއިއްޒު / ރައީސް އޮފިސް
ހަބަރު
ރައީސް މުއިއްޒު މިހާރު ވިދާޅުވަނީ 2028 އަށް ޑޮލަރުގެ ރޭޓު ވެއްޓޭނެ ކަމަށް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
23 އޭޕްރީލު 2025
މާލެ ސިޓީ

ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު ޑޮލަރުގެ މައްސަލަ ހައްލުވެ، 2027 ވަނަ އަހަރު ނިމި، 2028 ވަނަ އަހަރު ބޭންކް ރޭޓްގައި ޑޮލަރު ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޒުވާނުންނަށް ހާއްސަކޮށް އާންމުކުރެއްވި ސިލްސިލާ ޕޮޑްކާސްޓް "ސްޕޮޓް އޮން" ގެ ފުރަތަމަ އެޕިސޯޑްގައި ރައީސް މުއިއްޒު ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރަން ވަގުތު ބޭނުންވާ ކަމަށެވެ.

އެ ގޮތުން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ތަންފީޒުވެއްޖެނަމަ ޑޮލަރުގެ މައްސަލައަށް ހައްލު ލިބޭނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

މިހާރު އަޅުގަނޑުމެން މިބަލަނީ 2027 ވަނަ އަހަރުގެ ނިޔަލަށް އަސްލު ޑޮލަރު ރޭޓުގައި ޑޮލަރު ލިބޭނެ ކަމަށް

- ރައީސް މުއިއްޒު

ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15:42ރ އެވެ. ނަމަވެސް މަރުކަޒީ ބޭންކް އެމްއެމްއޭ އަކީ، ޑޮލަރުގެ ތާށިކަން އަންނަ ދުވަސްވަރު ފައިސާގެ މާރުކޭޓްގެ ކޮންޓްރޯލް ހޯދޭ ފަދަ ގާބިލް އިދާރާއަކަށް ނުވާތީ، ޑޮލަރުުގެ މުއާމަލާތް ހިންގަނީ އަބަދުވެސް ކަޅު ބާޒާރުގަ އެވެ.

ޑޮލަރު މާރުކުރުމުގެ ސިޔާސަތުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ކުރިން ބުނަމުން ދިޔަ ނަމަވެސް، އޭރު ވެސް ވިޔަފާރިވެރިން ބުނަމުން ދިޔައީ ރައީސް މުއިއްޒުގެ ޑޮލަރު މާރުކުރުމުގެ ސިޔާސަތުގެ ސަބަބުން ކަޅު ބާޒާރަށް އެއްވެސް ލުޔެއް ނާންނާނެ ކަމަށެވެ.

ޑޮލަރުގެ ކާލު ބާޒާރު ހީނަރުވާކަމުގެ ކޮޅުމަތި ފެންނަން ފަށައިފި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް އިއްޔެ ވަނީ ވިދާޅުވެފަ އެވެ. އެގޮތުން، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މާޗު މަހާ ހަމައަށް 150 މިލިއަން އެމެރިކާ ޑޮލަރު (2.3 ބިލިއަން ރުފިޔާ) ބޭންކުތަކަށް މާރުކޮށްފައި ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެއީ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިއީ ކުރިއާ އަޅާބަލާއިރު އުންމީދު ނުކުރާފަދަ ކުރިއެރުމެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޑޮލަރު ލިމިޓު އުވައިލާނެކަމުގެ ވައުދުފުޅާ އެކުގައި އެވެ. އަދި ޑޮލަރުގެ އަގު އުފުލިގެން އުޅެން ދެން ނުޖެހޭނެ ކަމަށާއި ދެން ފެންނާނީ ޑޮލަރުގެ އަގު ހެޔޮވަމުން ދާތަން ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ނަމަވެސް، އެ ބަދަލު ގެނެވިފައިނުވެ އެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް މަތިވެ، ގިނަ ބަޔަކު އަންނަނީ އެކަމާ ޝަކުވާ ކުރަމުންނެވެ. އެގޮތުން، ޑޮލަރުގެ އަގު 19.20 އާއި 20.00 ރުފިޔާއާ ދެމެދުގައި ވެސް މީގެ ކުރިން ހުއްޓެވެ.

ޑޮލަރު މާރުކުރާ ގްރޫޕުތަކުން ދައްކާ ގޮތުގައި މިއަދު ވެސް ޑޮލަރެއް ލިބެން ހުރީ 19.40ރ. އަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved