

ރައީސްގެ ދެކަނބަލުން އަމިއްލަ ކުދިންގެ ހައްގުގައި އަޅުއްވާ ހަރުކަށި ފިޔަވަޅުތައް އަޅުއްވާ ފަދައިން އާންމު މީހާގެ ދަރިންގެ ޙައްގުގައި އެޖަޒްބާތުގައި ފިޔަވަޅު އަޅުއްވާ ދެއްވުމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ގޮވާލައްވާފި އެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވާއިރު ހުކުރު ދުވަހުގެ ހެނދުނު މާލޭ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނެއްވަނީ ފެނިފަ އެވެ.
އެ ހާދިސާއާ ގުޅުވައި ތަފާތު އެކި ތުހުމަތުތައް މީސް މީޑިޔާގައި މިހާރު ދަނީ އަމާޒުވަމުންނެވެ. އެގޮތުން އެއީ ހައި ޕްރޮފައިލްޑް ސިޔާސީ މީހަކާ ގުޅުން އޮތް ކަމެއް ކަމަށާ އެ ހާދިސާ ހިނގާފައިވަނީ ސިޔާސީ މީހެއްގެ ގޭތެރެއިން އައި ކަމެއްގެ ތެރެއިން ކަމަށް ބުނެ މީސް މީޑީޔާގައި އެކި ކަހަލަ ތުހުމަތުތައް އަމާޒުކޮށް އަދި ބައެއް ސިޔާސީ ފަރާތްތަކުގެ ފޮޓޯއާ ޒާތީ މައުލޫމާތުވެސް އާންމުކޮށް ފުލުހުން އެކަން އޮއްބާލަން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
މީގެ އިތުރުން، އަންހެން މީހާ ވެއްޓުނީ ނޫން ކަމަށާއި އެ މީހާ ރޭޕުކޮށް އަނިޔާކޮށް ވައްޓާލީ ކަމަށް ބުނެ ތުހުމަތުތައް އަމާޒުކޮށްފައިވެ އެވެ.
މީތޯ ޒިއްމާދާރު ވުމަކީ @PoliceMv ؟ މިކަމެއް ހިނގައިދިޔަތާ ކިތައް ގަނޑިއިރު ފާއިތު ވެއްޖެ؟ ސޯޝަލް މިޑިއާގެ ޕްރެޝަރަށް މިކަންވެސް އެންމެފަހުން ބަލާނެކަމަށް މިބުނީ. ފުރަތަމަ ޕާޓީ ކުރީ މިސަރުކާރު މިނިސްޓަރެއްގެ ގެއެއްގައި އެކަމަކު ނަން ހާމަ ނުކުރެވެނީ ކީއްވެ؟ މީތޯ ދީނާއި… https://t.co/Kai6fzupyR
— Mohamed Jameel Ahmed (@MJameelAhmed) April 22, 2025
ޑރ ޖަމީލްވަނީ ދިވެހިންގެ ފުލުހުންގެ މުއައްސަސާއަށް ގިނަ ސުވާލުތަކެއް އަމާޒު ކުރައްވާފަ އެވެ.
އެގޮތުން ޒިއްމާދާރުވުމަކީ އެއީ ތޯ އައްސަވާ އެ ހާދިސާއަށް ކިތައް ގަނޑިއިރު ފާއިތު ވި ތޯ ވަނީ އައްސަވާފައެވެ. އަދި މި މައްސަލަވެސް ބަލާނެކަމަށް ބުނީ ސޯޝަލް މީޑިއާ އިން ކުރި ޕްރެޝަރަށްކަމަށް ޑރ ޖަމީލްވަނީ ތުހުމަތު ކުރައްވާފަ އެވެ.
ޕާޓީކޮށްފައިވަނީ މިސަރުކާރު މިނިސްޓަރެއްގެ ގެއެއްގައި ނަމަވެސް ނަން ހާމަ ނުކުރެވެން އޮތް ސަބަބާއި މެދު ޑރ ޖަމީލްވަނީ ސުވާލު އުފައްދަވާފައެވެ. މީގެ އިތުރުން ދީނާއި ގައުމިއްޔަތު ކުރިއަރުވާ ވަޒީރުންގެ ޙާލަތަކީ އެއީ ތޯވެސް ޑރ ޖަމީލްވަނީ އައްސަވާފައެވެ.
އެގޮތުން ތުހުމަތު ކުރެވެނީ ގޭންގް ރޭޕާއި މަސްތުވާ ތަކެތީގެ އިތުރުން އެ އަންހެން ކުއްޖާ މަރުން ސަލަމާތްވީވެސް ކިރިޔާކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން މި މައްސަލަ ނުފޫޒެއް ނެތި ތަޙްގީގު ކުރެވެން ޖެހޭކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވި އެވެ.
އެއީ ވެސް މީހެއްގެ ދަރިއެއް ކަމާއި ރައީސްގެ ދެކަނބަލުން އަމިއްލަ ކުދިންގެ ހައްގުގައި އަޅުއްވާ ހަރުކަށި ފިޔަވަޅުތައް އަޅުއްވާ ފަދައިން އާންމު މީހާގެ ދަރިންގެ ޙައްގުގައި އެޖަޒްބާތުގައި ފިޔަވަޅު އަޅުއްވާ ދެއްވުމަށް ޑރ ޖަމީލްވަނީ ގޮވާލައްވާފަ އެވެ.