

ފުރާޅެއްގެ މަތިން އަންހެނަކު ވެއްޓުނު ހާދިސާގައި ފުލުހުންނަށް ކުރާ ތުހުމަތު ބަލާނެކަމަށް ހާމަކޮށްފިއެވެ.
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުްނ ހާމަކުރި ގޮތުގައި، ހުކުރު ވިލޭރޭ ފަތިހ މާލޭގައި ހިނގާފައިވާ މި މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގައި ފުލުހުން ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފުލުހުންގެ މައްޗަށް އެކި ތުހުމަތުތައްކޮށް ވާހަކަ ދެކެވެމުންދާތީ ފުލުހުން އަމަލު ކުރަން ޖެހޭ އުސޫލާއި ހިލާފަށް އަަމަލު ކޮށްފައިވޭތޯ ބެލުމަށްޓަކާ ފުރިހަމަ ތަހުގީގެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
ހުކުރު ވިލޭރޭ ފަިތހުގެ ވަގުތެއްގައި މާލޭ ގެއެއްގެ މަތިން ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައިވަނީ އުމުރުން 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށާ އެ އަންހެންމީހާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކުރީ އާންމު ފަރާތަކުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެގޮތުން ހުކުރު ދުވަހުގެ ހެނދުނު 07:23 ހާ ކަން އިރު ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ސަރަހައްދަށް ގޮސް ބެލި ބެލުމުން އަންހެން މީހާ ކޮންމެވެސް ވަރަކަށް ހަރަކާތް ކުރި ނަމަވެސް އޭނާ އަމިއްލައަށް ތެދުވެ ހިނގައި އުޅުމުގެ ވަރު ނެތުމުން އެމްއެންޑީއެފުގެ އެހީތެރިކަމާ އެކު 30-45 މިނުޓު ތެރޭގައި ހޮސްޕިޓަލަށް އަންހެން މީހާ ގެންގޮސް ފަރުވާ ފެށި ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އަދި އަންހެން މީހާ އަކީ ކާކު ކަން ފޭސް ރިކޮގްނިޝަން މެދުވެރިކޮށް ދެނަގަނެ އާއިލާއަށް ވެސް ހަމަ އެ ވަގުތު އެންގި ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
ނަމަވެސް ފުލުހުން މި ކަމުގައި ނޫސްވެރިންނާ ހިއްސާ ކުރި މައުލޫމާތުގައިވެސް މީގެ ކުރިން ފުލުހުން މި ފަދަ އެހެން ހާދިސާތަކުގައި އަމަލުކޮށްފައިވާ ގޮތާ ޚިލާފަށް ބައެއް ކަންކަން ހާމަކުރުމަށް ދެކޮޅު ހަދާފައިވާކަން ފާހަގަވެފައިވެއެވެ. އެގޮތުން ވެއްޓުނު އަންހެން މީހާއާ އެކު ހުރި 21 އަހަރުގެ ފިރިހެން މީހާގެ ވަނަވަރާ އަދި އެމީހުން އެރޭ އެންމެ ފުރަތަމަ ދިޔަ ގެއާ ދެވަނަ އަށް ދިޔަ ޣޭގެ މައުލޫމާތާ އަދި އެ ދެމީހުންނާ އެއްކޮށް ދެން އުޅުނު މީހުންގެ ވަނަވަރުވެސް ހާމަކުރުމަށް ފުލުހުން ވަނީ ދެކޮޅު ހަދާފައެވެ. ފުލުހުން ހާމަކުރި ގޮތުގައި އެއީ އިންސާނީ ކަރާމާތް ނެގެހެއްޓުމުގެ ގޮތުން ކުރި ކަމެކެވެ. އަދި ގޭގެ ނަން ހާމަނުކުރީ ގޭގައި ދިރިއުޅޭ އެހެން މީހުންގެ ކަރާމާތަށްޓަކައި ކަަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ހާދިސާއާ ގުޅުވައި ތަފާތު އެކި ތުހުމަތުތައް މީސް މީޑިޔާގައި މިހާރު ދަނީ އަމާޒުވަމުންނެވެ. އެގޮތުން އެއީ ހައި ޕްރޮފައިލްޑް ސިޔާސީ މީހަކާ ގުޅުން އޮތް ކަމެއް ކަމަށާ އެ ހާދިސާ ހިނގާފައިވަނީ ސިޔާސީ މީހެއްގެ ގޭތެރެއިން އައި ކަމެއްގެ ތެރެއިން ކަމަށް ބުނެ މީސް މީޑީޔާގައި އެކި ކަހަލަ ތުހުމަތުތައް އަމާޒުކޮށް އަދި ބައެއް ސިޔާސީ ފަރާތްތަކުގެ ފޮޓޯއާ ޒާތީ މައުލޫމާތުވެސް އާންމުކޮށް ފުލުހުން އެކަން އޮއްބާލަން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. ކުރަމުން. މީގެ އިތުރުން، އަންހެން މީހާ ވެއްޓުނީ ނޫން ކަމަށާއި އެ މީހާ ރޭޕުކޮށް އަނިޔާކޮށް ވައްޓާލީ ކަމަށް ބުނެ ތުހުމަތުތައް އަމާޒުކޮށްފައިވެއެވެ.
ފުލުހުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު ކުރެވޭ ތުހުމަތުތަކާ ކޮންމެވެސް ވަރަށް ގުޅުން ހުރި ކަންކަން ފާހަގަކުރެވުނެވެ. އެގޮތުން ސިޔާސީ ބައެއްގެ އާއިލާތަކަކާ މި މައްސަލައާ ގުޅުން އެބަހުއްޓެވެ.