

މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލާގައި ރައްޔިތުންގެ މަޖިލީހުން ތަހުގީގެއް ހިންގަން، ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މިއަދު އެދިވަޑައިގެންފި އެވެ.
ފުރާޅެއްގެ މައްޗަށް އަންހެން ކުއްޖަކު ވެއްޓިފައި އޮތް މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހުކުރު ދުވަހުގެ ހެނދުނެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲއަށް އަޒާން ފޮނުއްވި ސިޓީއެއްގައި ވަނީ، އެ ހާދިސާގައި ފުލުހުން އަމަލުކޮށްފައިވަނީ އެފަދަ އެހެން ހާދިސާތަކުގައި ފުލުހުން އަމަލުކުރަމުންދާ ގޮތްތަކާ ޚިލާފަށް ކަމަށެވެ.
އޭނާ ވިދާޅުވީ، ޒުވާނުންގެ ކަންބޮޑުވުން އޮތް މިފަދަ މައްސަލައެއްގައި ފުލުހުން އަމަލުކޮށްފައިވަނީ އެއްވެސް ނުފޫޒެއް ނެތި ޒިންމާދާރުކަމާއެކުގައި ކަން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.
އެހެންކަމުން މި މައްސަލާގެ ރިޕޯޓު ފުލުހުންނަށް ލިބުނު ހިސާބުން ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ އިންކުއަރީ ރިޕޯޓެއް ހަދަން އަޒާން ވަނީ އެދިވަޑައިގެންފަ އެވެ.
ޔުމްނު ވެއްޓުނު ރޭ، އޭނާ އާއެކު އުޅުނު ހުރިހާ އެންމެންގެ ވަނަވަރު އާންމު ކުރުމަށާއި ރައުދު ހައްޔަރު ކުރުމަށް ގޮވާލައި ރޭ ޒުވާނުން ވަނީ މުޒާހަރާއެއް ވެސް ކޮށްފަ އެވެ.
ހ. ފެންޓޯނިއާގޭގެ ނުވަ ވަނަ ފަންގިފިލާގެ ފެންލައިޓުން، ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ވެއްޓި އެ ޒުވާނާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފަ އެވެ. އޭނާއަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުންދިޔަ ނަމަވެސް، އޭގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.