

މި ގައުމު ފެއިލް ވެއްޖެކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅުމައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓުނު މައްސަލާގައި އެކަން ސަމާލުކަމަށް ގެންނާނެ ދައުލަތުގެ ވުޒާރާއެއް ނުވަތަ މިނިވަން މުއައްސަސާތަކާއި ޖެންޑާ މިނިސްޓަރުވެސް އެ މައްސަލައިގައި އެއްވެސް ބަހެއް ވިދާޅު ނުވުމުގެ ސަބަބުން އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށެވެ.
އަދި މި ގައުމު މިއަދު ފެއިލްވެފައިވާކަމުގެ އެންމެ ބޮޑު އެއް ރަމްޒަކީވެސް އެއީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފެއިލްޑް ސްޓޭޓަކަށް މި ވަނީ ގައުމުގައި ރައްޔިތުން ޓެކްސް ފައިސާ ދީފައި ރައްޔިތުން އެ ކަންތައް ކުރާނެ ކަމަށް ކަނޑަ އަޅައިފައި ތިބި މީހުން، ފުލުހުން، ސިފައިން، މިނިވަން މުއައްސަސާތައް، ހިއުމަން ރައިޓްސް ކޮމިޝަން، ޖެންޑާ މިނިސްޓަރު މިއިން ހުރިހާ ބޭފުޅުން މި ތިބީ ކަނު ބަނދެގެން. މި ހިސާބަށް ގައުމު ދިޔައިމަ އެ ތަންތަނުން ކަމެއް ނުވީމަ ތަހުގީގެއް ނުހިނގީމަ އެފަދަ ގައުމުތަކަށް މި ކިޔަނީ ފެއިލްޑް ސްޓޭޓެކޭ.
ރައްޔިތުން ރައީސް ޑރ މުަހައްމަދު މުއިއްޒަށް ވެރިކަން ހަވާލު ކުރެއްވީ މިފަދަ ކަން ކަން ރަނގަޅު ކުރަންކަމަށް ޑރ ޖަމީލްވަނީ ވިދާޅުވެފައެވެ.
ނަމަވެސް އެ ކަމުގައި އެމަނިކުފާނު އެއްވެސް އިޚްލާސްތެރިކަމެއް ނުދެއްކިކަމަށް ވިދާޅުވެ އެކަމާއި ގުޅިގެންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.