

ދިވެހިާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބަވަނިކޮށް ސަސްޕެންޑްކުރި ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރުގެ މަގަމު އިއާދަ ކުރުމަށް ގޮވާލައިފިއެވެ.
އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ކުރަމުންދާ ހިއުމަން ރައިޓްސް ވޮޗުން ނެރުނު ބަޔާނުގައި ބުނީ، ތުހުމަތުތަކެއް ކުރުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ފެބްރުއަރީ 26، ގައި ސަސްޕެންޑުކުރި ދެ ފަނޑިޔާރުން އަދި ސަސްޕެންޝަނަށް ފަހު އިސްތިއުފާ ދެއްވި ފަނޑިޔާރު ހުސްނުއްސުއޫދުގެ މަގާމު ވަގުތުން ވަގުތަށް އިއާދަކުރަން ޖެހޭ ކަމަށެވެ. އަދި ސަސްޕެންޝަންތައް އުވާލައި ފަނޑިޔާރުންގެ މައްޗަށް ކުރަމުންދާ އަސްލެއް ނެތް ތަހުގީގުތައް ހުއްޓައިނުލަނީސް ރާއްޖޭގައި ހައްގުތައް ގާއިމުނުކުރެވޭނެ ކަމަށް ހިއުމަން ރައިޓްސް ވޮޗް ގެ އޭޝިއާ ޑިރެކްޓަރު އެލައިން ޕިއާސަން ވިދާޅުވެފައިވެއެވެ.
ހަމައެހެންމެ ޖޭއެސްސީން ބަލަން ފެށި މައްސަލަތަކާއެކު، ޝަރުއީ ދާއިރާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވަމުންދާ ކަމުގެ ކަންބޮޑުވުންތައް އެބަހުރިކަމަށާ ސަރުކާރުގެ އެ އަމަލުތަކުގެ ސަބަބުން އެމަނިކުފާނު އެވަނީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާފައި ކަމަށް ބެލެވެމުގެ ޖާގަ އެބައޮތް ކަމަށް ޕިއާސަން ވިދާޅުވިއެވެ.
ހިއުމަން ރައިޓްސް ވޮޗް އިން ޖޭއެސްސީ ސިފަކޮށްފައިވަނީ ސިޔާސީ ނުފޫޒުގެ ދަށުން މަސައްކަތް ކުރުމުގެ ތާރީހެއް އޮތް ކޮމިޝަނެއްގެ ގޮތުގައެވެ. ޖޭއެސްސީ ރިފޯމު ކުރުމުގެ ވައުދާއެކު ސަރުކާރުތަކުން ވެރިކަމަށް އައި ނަމަވެސް އެކަން ކުރެވިފައި ނުވާ ކަަމަށް ވެސް ބުނެފައިވެއެވެ.
އެހެންކަމުން މި ކަންކަން ހައްލުކޮށް ރާއްޖޭގައި އިންސާނީ ހައްގުތައް ގާއިމުކުރުމަށް ރައީސް މުއިއްޒު ވަގުތުން ފިޔަވަޅު އަޅުއްވަން ޖެހޭ ކަމަށާ ޖުޑީޝަރީއަށް ފޯރުވަމުންދާ ނުފޫޒު ހުއްޓާލުމަށް ރާއްޖެއަށް އެހީވެދޭ، އަދި މިކަމާ ކަންބޮޑުވާ ގައުމުތަކުން ވެސް ރައީސް މުއިއްޒުއަށް ގޮވާލަން ޖެހޭ ކަމަށް ޕިއާސަން ވިދާޅުވެފައިވެއެވެ.
ސަސްޕެންޑް ކުރި ފަނޑިޔާރުންގެ މަގާމުތައް އިއާދަކުރަން ގޮވާލާފައިވާއިރު އެ ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރުން ހުސްނުއްއަލް ސުއޫދު އިސްތިއުފާ ދެއްވި ނަމަވެސް އަނެއް ދެ ފަނޑިޔާރުން އަދި މަގާމުތަކުގައި ދެމި އެބަ ތިއްބެވެ. ނަމަވެސް ސުލޫކީ މައްސަލަ ފެންމަތިކޮށް ޖޭއެސްސީގެ ކޮމިޓީއަކުން މައްސަލަ ބަލާ ނިންމާ މިހާރު އެ ދެ ފަނޑިޔާރުންވެސް މަގާމުން ވަކިކުރުމަށް ވަނީ ނިންމާފައެވެ.