

ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކަކާ އެކު ނިޔާވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަނިކުގެ މަރަށް އިންސާފު ހޯދަން ބޭއްވި އިހުތިޖާޖުގައި އާންމެއްގެ ގައިގައި ފުލުހަކު ޖަހައިފިއެވެ.
މިއަދު ހަވީރު ހޮޅުދޫގައި ބޭއްވި އިހުތިޖާހުގައި ރަށުގެ ފުލުހުންގެ ސްޓޭޝަންއާ އަދި ކައުންސިލް އިދާރާ ވެސް ހިމެނޭ ސަރަހައްދުގައި ރަށުގެ ރައްޔިތުން އެއްވެ އަޑު އުފުލަމުން ދިޔަ ވަގުތު އެތަނުގައި ފުލުހުންގެ ޓޭޕު ދަމާފައި ހުއްޓެވެ.
އެގޮތުން އެ ޓޭޕުތައް ކައިރީ ތިބެ ރައްޔިތުން ދިޔައީ ޕޮލިސް ކޮމިޝަނަރަ އަލީ ޝުޖާއު އާ ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ރައީސް މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށްވެސް ގޮވާލަމުންނެވެ. އިހުތިޖާޖު ފެށީތާ ގިނަ އިރުތަކެއް ނުވެ މަންޒަރުތަކުން ފެންނަނީ ފުލުހަކު ގޮސް އެ އިހުތިޖާޖުގެ ބައިވެރިއެއްގައި ގައި ޖަހާ މަންޒަރެވެ. އޭގެ ކުޑަ އިރުކޮޅެއް ނުވެ ފުލުސް މީހާ ބިންމައްޗަށް ވެއްޓޭ މަންޒަރުވެސް ފެނެއެވެ.
މިކަމާ ގުޅިގެން ހޮޅުދޫއިން މައުލޫމާތު ދިން މީހަކު ބުނެފައިވަނީ ފުލުސް މީހާ އާންމު ރައްޔިތުން މީހާގައި ޖެހީ ދމާ ހުރި ޕޮލިސް ލައިން ކަނޑާލުމުން ކަމަށެވެ. ނަމަވެސް އެ ލައިން ކަނޑާލިޔަސް އެ މީހާ ގައިގައި ފުލުސް މީހާ ޖަހައިގެން ނުވާނެ ކަމަށް އެ ރަށުގެ ގިނަ ބަޔަކު ބުނެފައިވެއެވެ.
ފުލުސް މީހާ އާންމު މީހާ ގައިގައި ޖެހުމާ އެކު މުޅި މާހައުލު ހޫނުވެ ފުލުހުންނާ އާންމުންނާ ދެމެދު ކުރިމަތިލުންތަކެއް ކޮންމެވެސް ވަރަކަށް ހިނގާފައިވެއެވެ.
މި ކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ.