
ޒުވާނުންގެ ޑިމާންޑުތަކަކީ އެކަށީގެންވާ ކަންކަން ކަމަށާއި ސަރުކާރުން އެކަންކަމަށް އަޑުއަހައި އަމަލުކުރަން ޖެހޭ ކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ފާހަގަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އޭނާ މިފަދައިން ވިދާޅުވީ މި މަހުގެ 18 ވަނަ ދުވަހު ހެންވޭރުގައި ހިނގި ހާދިސާއަކާ ގުޅިގެން ޒުވާނުން ކުރަމުންދާ މުޒާހަރާއާ ގުޅޭ ގޮތުންނެވެ.
އެގޮތުން ޒުވާނުން ގޮވާލި ހުރިހާ ކަމެއް ވީހާވެސް އަވަހަށް ސަރުކާރުން ކޮށްދޭންޖެހޭނެކަމަށް މަލީހުގެ ޕޯސްޓުގައިވަނީ ފާހަގަ ކުރައްވާފައެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހެންވޭރުގައި ހުރި އުސް އިމާރާތަކުން، ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލައިގެ ތަހުގީގާ މެދު ހިތްހަމަނުޖެހިގެން ޒުވާނުން މަގުމައްޗަށް ނުކުމެ، ކުރަން ފެށި މުޒާހަރާ ރެޔަކަށް ވުރެ ރެއެއް ވަރުގަދަވަމުން ދާއިރު، ރޭ އެ ޒުވާނުން ވަނީ ނުވަ ކަމެއް ކުރުމަށް ގޮވާލައިފަ އެވެ.










