

މެލޭޝިޔާގައި ދިވެހިރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ހިދުމަތް ގާއިމުކުރުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މެލޭޝިއާ އަށް ފުރާވަޑައިގެންފި އެވެ.
މެލޭޝިޔާއަށް ފުރާ ވަޑައިގަތުމުގެ ކުރިން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ވިދާޅުވީ މެލޭޝިޔާގައި ދިރިއުޅޭ ރައްޔިތުންނަށް ކަންކަން ފަހިކޮށްދެއްވުމުގެ ގޮތުން މެލޭޝިޔާގައި ތިބެގެން ޕާސްޕޯޓާއި އައިޑީކާޑު ޕްރިންޓްކޮށްދިނުމުގެ ހިދުމަތް ފޯރުކޮށްދެވޭނެ މަގު ފަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
މީގެއިތުރުން ރާއްޖޭގައި އިންވެސްޓްކުރެވެންހުރި ދާއިރާތަކުގެ މައުލޫމާތު މެލޭޝިޔާގެ އިންވެސްޓަރުންނަށް މިދަތުރުފުޅުގެ ތެރެއިން ފޯރުކޮށްދެވޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އަރުވަން ނިންމާފައިވާ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ނުދިނުމަށް، އެ ޔުނިވާސިޓީން ކިޔަވާފައިވާ ދިވެހި ދަރިވަރުންގެ ޖަމްއިއްޔާ އިން މިހާރު ވަނީ އެދިފަ އެވެ.
އެކަމާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަދި އެ ޔުނިވާސިޓީން ތައުލީމް ހާސިލް ކުރެއްވި ޑރ މުހައްމަދު ޖަމީލް އަހްމަދުވަނީ ސިޓީއެއް ފޮނުއްވާފަ އެވެ.
އެ ސިޓީގައި ރައީސް ޑރ މުއިއްޒު ގެންދަވަނީ ރާއްޖޭގެ ކޮންސްޓިޓިއުޝަނަލް ނޯމްސް އަށް އުނިކަން ގެންނަމުންކަމަށް ފާހަގަކޮށްފައިވެއެވެ. ރައީސް އިސްކޮށް ހުންނަވާ ގާނޫނަށް ގެނުވި އިސްލާހުތަކުގެ ސަބަބުން ލެގިސްލޭޗަރ ބްރާންޗްގެ މިނިވަންކަން ވަރަށް ބޮޑަށް ގެއްލުވާލާފައިވާކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވި އެވެ.
މިދެންނެވި އިސްލާހުތަކުގެ ރާއްޖޭގެ ކޮންސްޓިޓިއުޝަނަލް ބެހޭ ގޮތުން ސުޕްރީމް ކޯޓުން މައްސަލަ ބަލަން ފެށުމުން 3 ޖަސްޓިސުން ސަަސްޕެންޑް ކުރިކަމަށް އެމަނިކުފާނުގެ ސިޓީގައި ފާހަގަ ކުރައްވާފައިވެ އެވެ.
އަދި އޭގެ ސަބަބުން ޝަރުއީ ދާއިރާ، ހާއްސަކޮށް ސުޕްރީމް ކޯޓު ވަރަށް ބޮޑަށް ބަލިކަށިވެ، ކޮމްޕްރޮމައިޒްވެފައިވާކަމަށް ޑރ ޖަމީލް ވިދާޅުވި އެވެ.
ޑރ ޖަމީލް މިފަދައިން އައިޔޫއެމަށް ސިޓީއެއް ފޮނުވާފައިވާއިރު އެ ޔުނިވާސިޓީން ކިޔެވި ސަސްޕެންޑް ކުރި ފަނޑިޔާރު ސުއޫދުވެސްވަނީ އެފަދައިން އެދި އައިޔޫއެމަށް ސިޓީއެއް ފޮނުއްވާފަ އެވެ. އެ ސިޓީގައި ސުއޫދުވެސް އެދިވަޑައިގަތީ އޮނަރަރީ ޑޮކްޓަރޭޓްކަން ރައީސް މުއިއްޒަށް ދިނުމަށް ނިންމާފައިވާ ނިންމުން އަލުން މުރާޖާކޮށްދިނުމަށެވެ.
މީގެ އިތުރުން މެލޭޝިޔާގައި ކިޔަވަމުންދާ ބައެއް ދިވެހި ދަރިވަރުން ވެސްވަނީ، ސަރުކާރާމެދު އޮތް ހިތްހަމަނުޖެހުންތަކުގެ ސަބަބުން ރައީސް މުއިއްޒާ ބައްދަލު ނުކުރާނެ ކަމަށް ސޯޝަލް މީޑިއާގައި ބުނެފައެވެ.
އެއީ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ސަރުކާރުންނާއި ފުލުހުން އަމަލުކުރަމުންދާ ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށް، ޔުމްނަށް އިންސާފު ހޯދައިދޭން އަޑުއުފުލާ ޒުވާނުންނާއެކު ދެމިތިބުމުގެ ގޮތުންނެވެ.