

މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ކުރަމުން ގެންދާ ތަހުގީގަށް ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަންނަން މަޖިލީހުގެ ރިޔާސަތު މިއަދު ބެލެހެއްޓެވި ދިއްގަރު ދާއިރާގެ މެންބަރު، އަހުމަދު ނާޒިމް ނިންމަވައިފި އެވެ.
ޒުވާން ކުއްޖާ ވެއްޓުނު ހާދިސާއާ ގުޅޭ ކުއްލި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.
އެ މައްސަލައާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނެވި ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ ކަމަކަށް ވާންވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އިއްޒަތްތެރި މެންބަރު ހުށަހެޅުއްވި މައްސަލައިގައި ދެންނެވުނު ހާދިސާގެ ކްރައިމް ސީންގެ ގޮތުގައި ފާހަގަ ކުރެވޭ ތަނަކީ މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ދިރިއުޅުއްވާ ގެ ކަމަށް ބަޔާން ކޮށްފައިވާއިރު، މިނިސްޓަރު ދިރިއުޅުއްވަނީ ހާދިސާ ހިނގި ގޭގައި ނޫން ކަމަށް ދަންނަވަން،
ނާޒިމް އެހެން ވިދާޅުވި ނަމަވެސް މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބަޔާން ކޮށްފައި އޮތީ ޔުމްނު ވެއްޓުނު ހާދިސާ ހިނގުމުގެ ކުރިން ޔުމްނު އާއި އިތުރު ބަޔަކު ހަރަކާތްތެރިވި ގެއަކީ މިނިސްޓަރު އަމީންގެ ގެ ކަމަށް ވާތީ އެ ވާހަކަ އެވެ.
ކުއްލި މައްސަލައިގައި އިތުރަށް ފާހަގަ ކޮށްފައި ވަނީ ޔުމްނުގެ މައްސަލައިގައި ކުރަމުން ގެންދާ ތަހުގީގަށް އެއްވެސް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ނުކުރައްވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި ނަމަވެސް މިމަހުގެ 24 ވަނަ ދުވަހު ފުލުހުން އެ މައްސަލައާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ދަނިކޮށް އޭރުގެ ޕޮލިސް ކޮމިޝަނަރު ސުޖާއު އަލީއަށް އަމީން އެތައް ފަހަރަކު ގުޅުއްވިކަން ހާމަވެފައިވާ ކަމަށެވެ.
ޔުމްނު ވެއްޓުނު ހާދިސާގައި ސިޔާސީ ބައެއް ބޭފުޅުންގެ ނުފޫޒު އޮތްކަމަށް ގިނަ ބަޔަކު ގަބޫލު ކުރަނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ ގޭގައި އެރޭ ޔުމްނުއާއި ރައީސް އޮފީހުގެ މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކާއި އިތުރު ބަޔަކު މަސްތުވާތަކެއްޗާއެކު ޕާޓީކޮށްފައިވާތީ އެވެ.
ފުލުހުން ހާމަކުރި ގޮތުގައި ނުވަ މީހުން ހިމެނޭ ގްރޫޕަކުން ހާދިސާ ހިނގި، މި މަހު 17 ވަނަ ދުވަހުގެ ރޭ ފުރަތަމަ ދިޔައީ މިނިސްޓަރު އަމީންގެ އާއިލީ ގެކޮޅަށެވެ. އެ ގޭގައި "ޕާޓީކުރި" މީހުންގެ ތެރޭގައި އަމީނަށް ބޮޑުބޭބެ ކިޔައި ދެ މީހަކު ވެސް ހިމެނެއެވެ.
ހައްވާ ޔުމްނު ރަޝީދު އިތުރު ފަރުވާއަށް ރޭ ވަނީ މޭލޭޝިއާއަށް ގެންގޮސްފަ އެވެ. އިމާރާތުގެ ކުޑަދޮރުން ޔުމްނު ވެއްޓުނު މައްސަލައިގައި، އޭނާއާ އެކު އެ ރޭ އުޅުނު އަށް މީހެއްގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެ މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައިގައި، އޭނާއާ އެކު އެ އިމާރާތުގެ ތެރޭގައި އޭރު އުޅުނު ރައުދު އަހުމަދު ޒިލާލް، 21، މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
އަދި، ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޯ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން ވަނީ މަގާމުން ވަކިކޮށްފަ އެވެ. މީގެއިތުރުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހުމަދު، މުސާރަ ނުލިބޭ ގޮތަށް އެ މަގާމުން ވަނީ ސަސްޕެންޑް ކޮށްފަ އެވެ. މި ދެ ފަރާތަކީ ވެސް އެރޭ ޕާޓީގައި ބައިވެރިވި ދެމީހުންނެވެ.