

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ދެކޮޅަށް ހެކިބަސް ދީފި ނަމަ އެ މީހަކަށް ލުއި ދޭނެ ކަމަށް ފުލުހުން ބުނެފައި އެބަ ހުރި ކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވީ ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި އޮތް ރައީސް ޔާމީންގެ ޝަރީއަތަށް ފަހު ދެއްވި އިންޓަވިޔުގައެވެ.
އެގޮތުން ދައުލަތުގެ ފަރާތުން އަމަލު ކޮށްފައިވާ ގޮތުން މުޅި މައްސަލަ ތަގައްޔަރުވާ ފަދަ ހެއްކެއް އުފަން ވެފައިވާ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
އަދި މި މައްސަލައިގައި ހިމެނޭ ފަރާތަކާއި، މައްސަލަ ތަހުގީގު ކުރި ފުލުހުންގެ ބޭފުޅަކާ ދެމެދު ދެކެވިފައިވާ ވާހަކަތައް ޖަމީލް ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން ވަކި ގޮތަކަށް ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދީފި ނަމަ، އެ ފަރާތައް ލުއި ތަކެއް ލިބޭނެ ކަމަށް ބުނެފައިވާ ކަމުގައި ޖަމީލް ވިދާޅުވި އެވެ.
މި މައްސަލައިގައި ފާޅުކަން ބޮޑު ބޭއިންސާފް ކަންތައްތަކެއް އަޅުގަނޑު ބޭނުން ރައްޔިތުންނާ ހިއްސާ ކޮށްލަން. އޭގެ ތެރެއިން އެއް ކަމަކީ މި މައްސަލައިގައި ވަށައިގެން ތިބި އެހެން ފަރާތްތައް، މިސާލަކަށް ރިޝްވަތު ދިންކަމަށް ބުނާ ފަރާތް. އެ ފަރާތުގެ މައްސަލަވެސް ދައުލަތުން މިވަނީ އަނބުރާ ގެންގޮސްފައި. އަދި މި މައްސަލައިގައި ހިމެނޭ އެހެން ފަރާތްތަކަށްވެސް ދައުލަތުންވަނީ އިތުރު ލުއިތަކެއް ދީފައި. އެހެންނަމަވެސް ރައީސް ޔާމީންގެ މައްސަލައިގައި ދައުލަތުން އަމާޒު ހިފައިފައިވަނީ ވަކި ގޮތަކަށް އެ މައްސަލަ ބައްޓަންކޮށްގެން ކުރިއަށް ގެންދިއުމަށް. މި ދެންނެވި އެހެން ފަރާތްތަކުގެ މައްސަލަތައް އަނބުރާ ގެންދިއުމުން އެކަން ސާފު ވެގެން ދޭ.
އެހެންކަމުން މިއަދުގެ ޕްރޮސެކިއުޓަރ ޖެނެރަލް ޕީޖީވެސް އަމަލު ކުރަމުންދަނީ ކުރީގެ ޕީޖީ އެކޭ އެއްފަދައިން ސިލެކްޓިވް ޕްރޮސެކިއުޝަންގެ ތެރެއިން ރައީސް ޔާމީންގެ މައްސަލަ ނިންމުމަށްކަމަށް ޑރ ޖަމީލް ތުހުމަތު ކުރެއްވިއެވެ. އަދި އެއީ އެއްބާވަތުގެ މައްސަލައެއްގެ ތެރޭގައި ހިމެނުނު އެހެން ފަރާްތްތަކަށް ދިން ލުއި، ނުވަތަ މައްސަލަތައް އަނބުރާ ގެންދިޔައިރު ވެސް، ރައީސް ޔާމީންގެ މައްސަލަ އަނބުރާ ނުގެންދަވާތީކަމަށް އެމަނިކުފާނުގެ ވާހަކައިގައިވަނީ ފާހަގަ ކުރައްވާފައެވެ.