ޒަކިއްޔާ / ސޯޝަލް މީޑިއާ
ހަބަރު
ޒަކިއްޔާގެ އާއިލާގެ ފަރާތުން ޕީޖީއަށް ހިއްސާކުރި ކަންބޮޑުވުންތަކާ ގުޅިގެން ފުލުހުންނަށް ސިޓީއެއް!
Hussain Nawaf
ހުސައިން ނަވާފް
28 އޭޕްރީލު 2025

ޒަކިއްޔާ މޫސާގެ މައްސަލައިގައި އޭނާގެ އާއިލާގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް ޕީޖީއަށް ހިއްސާކުރި ކަންބޮޑުވުންތަކާ ގުޅިގެން ފުލުހުންނަށް އެ އޮފީހުން ސިޓީއެއް ފޮނުވައިފި އެވެ.

ޒަކިއްޔާގެ އާއިލާއިން ކަންބޮޑުވުންތައް ފާޅުކޮށް އޭޕްރިލް 10، ގައި ޕީޖީއަށް ފޮނުވި ސިޓީއަށް ދިން ޖަވާބުގައި އެ އޮފީހުން ބުނީ އާއިލާގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަން ބެލުމަށްޓަކައި ފުލުހުންނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން އެ ސިޓީގެ ޖަވާބު ލިބުމުން، މި އޮފީހުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ޖަވާބެއް ދޭނެ ވާހަކަ ދަންނަވާނެކަމަށްވަނީ ޕީޖީން ހާމަކޮށްފައެވެ.

ޒަކިއްޔާގެ އާއިލާގެ ފަރާތުން ޕީޖީއަށް ފޮނުވި ސިޓީގައި އެދިފައި ވަނީ އޭނާގެ ހަށިގަނޑު އަލުން ކޮނެގެން ނެގުމަށްފަހު އޮޓޮޕްސީއެއް ހެދުމަށެވެ.

މީގެ އިތުރުން މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ތަހުގީގުގައި ފުލުހުން ޝާމިލުވުމަކީ މަސްލަހަތު ފުށޫއަރާ ކަމަކަށްވާތީ، ފުލުހުން އެ ތަހުގީގުން އެކަހެރިވެ، މުޅި ތަހުގީގު ހިއުމަން ރައިޓްސް ކޮމިޝަންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދަން ވެސް އާއިލާއިން ސިޓީގައި އެދިފައިވެއެވެ.

މީގެ އިތުރުންް ޒަކިއްޔާގެ އާއިލާގެ ފަރާތުން އެދުނު ކަންކަމާ ގުޅިގެން ފުލުހުން އާއިލާއާ ބައްދަލުކޮށް ވާޗުއަލް އޮޓޮޕްސީއާ ބެހޭ މައުލޫމާތު ހިއްސާކޮށްފައެވެ. ނަމަވެސް އެ ވާޗުއަލް އޮޓޮޕްސީ ބަލައިގަންނަން އާއިލާއިން ދެކޮޅު ހަދައެވެ.

އެކަމާއި ގުޅިގެން ރަށުގެ ރައްޔިތުންދަނީ ޒަކިއްޔާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ އިހްތިޖާޖު ކުރަމުންނެވެ.

ޒަކިއްޔާގެ މަރަށް 200 އެތައް ދުވަހެއް ވެފައިވާއިރު އަދިވެސް ތަހުގީގު ވަކި ކޮޅެއްގައި ނުޖެހެއެވެ. ނަމަވެސް ޒަކިއްޔާގެ މަރުގެ ހާދިސާގައި ހެކި ރައްކާތެރި ކުރުމާ ސީން ރައްކާތެރި ކުރުމުގައި އަދި ޒަކިއްޔާގެ ހަށިގަނޑާ މެދު އަމަލުކުރި ކުރުމުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ފުލުހުްނގެ ވަޒީރުވެސް ގަބޫލުކުރާއިރު އެކަމުގައި އެއްވެސް ފިޔަވަޅެއް ނާޅާ އޮތުން އެއީ ހޮޅުދޫގެ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.


އަދި ވަކި ބަޔަކު ބުނާ ބުން ފުލުހުން ގަބޫލުކޮށް ވަކި ބަޔަކު ބުނާ ބުނުން ފުލުހުން ގަބޫލުނުކުރުމަކީވެސް މި މައްސަލައިގައި ފުލުހުން ވަކި ކޮޅަކަށް ޖެހިފައިވާވުމުގެ ހެއްކެއް ކަމަށް އެ ރަށު ރައްޔިތުން ހާމަކުރެއެވެ.
ޒަކިއްޔާގެ މަރާ ގުޅިގެން އެއީ އަމިއްލައަށް މަރުވި މަރުވުމެއްކަމަށް ދޭހަވާ ފަދަ ގޮތަކަށް ފުލުހުން ވަނީ މީގެ ކުރިން ވާހަކަދައްކާފައެވެ.

އެގޮތުން ފުލުހުން ޒަކިއްޔާގެ މަރާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް ބޭއްވި ބައްދަލުވުމުގައި ބުނެފައިވަނީ، މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ނެތް ކަމަށެވެ. އަދި ޒަކިއްޔާ މަރާލި ކަމުގެ ހެއްކެއް ވެސް ނެތް ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved