ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް / -
ހަބަރު, ސިޔާސީ
ރައީސް މުއިއްޒުގެ ވަޒީރުން "ސައިޒުވެލަން" އައްބާސް އެދިއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
29 އޭޕްރީލު 2025
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުން އުޅުއްވަނީ "ސައިޒު" އޮޅިވަޑައިގެން ކަމަށާއި އެމީހުން ސައިޒުވުމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އައްބާސް މިއަދު އެދިލައްވައިފި އެވެ.

މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ ދައުލަތުގެ ބައެއް ވަޒީރުން އުޅުއްވަނީ "ސައިޒު" އޮޅިވަޑައިގެން ކަމަށާއި ގާނޫނުއަސާސީގައި ލިޔެފައި އޮތް އެއްޗެއް ކޮންމެ ވަޒީރަކު ވެސް ވިދާޅުވެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ވަޒީރުން އިހުތިރާމު ކުރުމަށް އޭނާ ގޮވާލެއްވި އެވެ.

އައްބާސް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށް ވެސް ވަޒީރުން އިހުތިރާމު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި ވަޒީރުންގެ ތެރެއިން ބައެއް ބޭފުޅުން މިހާރު އުޅުއްވަނީ މަޖިލިސް މެންބަރުންގެ ފޯނު ކޯލުތަކަށް ވެސް ޖަވާބުދާރީވެވަޑައިނުގަންނަވައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މަޖިލީހަށް ވެސް ހާޒިރުވެވަޑައިނުގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް ވަޒީރުން އުޅުއްވަނީ އެ ބޭފުޅުންގެ ސައިޒު" އޮޅިގެން

- މިހެން އުޅުއްވަނީ ހުރިހާ ވަޒީރުން ނޫންކަން ފާހަގަކޮށް އައްބާސް ވިދާޅުވި އެވެ.

އައްބާސް ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ ވަޒީރުންނަކީ މިއަދު ވަޒީރުންގެ ޓައި އަޅުއްވައިގެން އުޅުއްވި ކަމުގައިވިޔަސް ތިމާމެން މާދަމާ ވަޒީރުކަމުގައި ނުހުރެދާނެ ކަމާއި ވަޒީރުކަމާ ހަވާލުކޮށް މަތިކޮށްފައިވާ ޒިންމާ އަދާ ނުކޮށްފި ނަމަ ވަޒީރުން ގެއަށް ފޮނުވައިލަފާނެ ކަން ވަޒީރުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށެވެ

އައްބަސް ރައީސް މުއިއްޒުގެ ސަރުކާރުގެ ބައެއް ވަޒީރުންނަށް ފާނޑުވިދާޅުވިއިރު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލަ ތަހުގީގަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އަދި ހޯމް މިނިސްޓަރު އަލީ އިހްސާން ހުރަސް އަޅުއްވާ ކަމަށް ވިދާޅުވެ އެ ދެ ވަޒީރުންގެ އިސްތިއުފާ އަށް އަންނަނީ ގޮވަމުން ނެވެ.

ނަމަވެސް އިހްސާން އަދި އަމީން ވެސް ވަނީ އެމީހުން މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެ މަގާމް ދިފާއު ކުރައްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved