ރައީސް ނޫސްވެރިންނާއެކު 15 ގަޑިއިރު، ރައްޔިތުން ހެއްވައެއް ނުލެވުނު / ތޭރަގްރެފިކްސް
ރިޕޯޓު
ރައީސް ނޫސްވެރިންނާއެކު 15 ގަޑިއިރު، ރައްޔިތުން ހެއްވައެއް ނުލެވުނު!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
04 މޭ 2025
މާލެ ސިޓީ

ރައީސް ނޫސްވެރިންނާ ބައްދަލުނުކުރާތާ 459 ދުވަސް : ފޮރުވަން ކަމެއް އޮތީތަ..؟ މިހެން ސުރުހީ ލިޔެ އަޅުގަނޑު މިފަހުން ވަނީ ރިޕޯޓެއް ގެނެސް ދީފަ އެވެ. އެ ރިޕޯޓުގައި ބުނެދީފައި ވާނީ ފާޅުކަން ބޮޑު ސަރުކާރެއް ގާއިމުކުރެއްވުމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައީސް ޑރ. މުއިއްޒު ކަންކުރެއްވި ގޮތުގެ ވާހަކަ އެވެ. ވެރިކަމަށް ވަޑައިގަތުމަށްފަހު މުއިއްޒު އެންމެ ފުރަތަމަ "ހިތާނުވާ" އެއް ބަޔަކަށް ނޫސްވެރިންވި ވާހަކަ އެވެ.

މި ސަރުކާރުގެ ސަބަބުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިންނަށް ކުރިމަތިލާން ޖެހުނު ދަތި އުނދަގޫ ދުވަސްތަކުގެ ވާހަކަ އެވެ. މިކަމުގެ ސަބަބުން ކޮރަޕްޝަނާއި ފަސާދައިގެ އެތައް ކަމެއް ސަރުކާރުގެ ތެރެއިން ފެންމަތިވަމުން ދާ ވާހަކަ އެވެ.

އެ ރިޕޯޓްގައި އަޅުގަނޑު މުއިއްޒު އަށް ސުވާލުތަކެއް ވެސް ކުރީމެވެ.

ރައީސް ޑރ. މުއިއްޒު އެވެ. ގާނޫނުއަސާސީ އާއި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްތިޔަ އަޅުއްވަނީ ކީއްވެ ހެއްޔެވެ.؟ ރައީސް ޑރ. މުއިއްޒު އެވެ. ނޫސްވެރިންނަކީ ބުދުތަކެއް ހެން ގޮނޑިތަކެއްގައި ބައިތިއްބައިގެން ސަރުކާރުން ދައްކަން ބޭނުންވާ ވާހަކައެއް ދައްކާފައި ފޮނުވާލަން ތިބޭ ބަޔަކަށް ތިޔަ ހެއްދެވީ ކީއްވެ ހެއްޔެވެ.؟

މީ އަޅުގަނޑު އެކަނި މުއިއްޒު އަށް ކުރާ ސުވާލުތަކެއް ނޫނެވެ. ރާއްޖޭގެ ގިނަ ނޫސްވެރިން މުއިއްޒު ވެރިކަމަށް ވަޑައިގަތީންސުރެން މި ސުވާލުތައް އަންނަނީ އެމަނިކުފާނާއި އެމަނިކުފާނުގެ މީޑިއާ ޓީމަށް ކުރަމުން ނެވެ. ސަބަބަކީ ރައީސް ވައުދާ ހިލާފަށް ނޫސްވެރިންނަށް ފިއްލެވީ މައެވެ.

ކޮންމެ އަކަަސް މި ދެންނެވި ރިޕޯޓަށް ދެ މަސްވާން ގާތްވެފައި ވަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ދުރާލާ ރޭވިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވާފައި އެވެ.

ތެދެކެވެ. މީ ރާއްޖޭގެ ރައީސަކު މިހާތަނަށް ބޭއްވެވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމެވެ. އަދި މީ ދުނިޔޭގައި ވެސް މިހާތަނަށް ބޭއްވި އެންމެ ދިގު ނޫންވެރިންގެ ބައްދަލުވުމަށް ވެދާނެ ކަމަށް މުއިއްޒުގެ ބޮޓުން އަންނަނީ ބުނަމުން ނެވެ. ނަމަވެސް، ބައިނަލްއަގުވާމީ އެއްވެސް ފަރާތަކުން އެކަން ޔަގީން ކޮށްދީފައެއް ނުވެ އެވެ.

އިއްޔެ ފާހަގަކުރި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައި އެ ބައްދަލުވުން ފެއްޓެވީ އިއްޔެގެ ހެނދުނު 10:00 ގަ އެވެ. ބައްދަލުވުން ފައްޓަވަމުން ވެސް އެ މަނިކުފާނު ވިދާޅުވީ ބައްދަލުވުން ނިންމަވައިލައްވާނީ ނޫސްވެރިންގެ ކިތަންމެ ގިނަ ސުވާލެއް އޮތަސް އެ ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ފަހު ކަމަށެވެ.

އެ ބައްދަލުވުން މެދުކަނޑާލާފައިވަނީ މެންދުނު ނަމާދާއި އަސުރު ނަމާދާއި މަޣުރިބު ނަމާދުގެ އިތުރުން އިޝާ ނަމާދަށް އެކަންޏެވެ. އޭގެ ފަހުން، ރޭގަނޑު 10:15 ގައި ވެސް 15 ވަރަކަށް މިނެޓަށް ބްރޭކެއް ނެންގެވި އެވެ.

ރޭގެ ދަންވަރު 12:55 ހާއިރު މީޑިއާ ބްރީފިން ނިންމާލި އިރު ސަރުކާރުގެ ބޮޓުން އަތްޖަހާ ޝޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަން ފެށުމުން އަޅުގަނޑުގެ ހިތައް އެރި އެވެ. 36 ނޫސްވެރިން ބައިވެރިވި މި ބައްދަލުވުމުން ރައީސް މުއިއްޒު 300 އަށްވުރެ ގިނަ ސުވާލައް ޖަވާބު ދެއްވިއިރު މުއިއްޒުއަށް ރައްޔިތުންގެ ހައްގުގައި ދެއްކުނީ ކޮން ވާހަކަ އެއްބާވަ އެވެ.

މުޅިން ވެސް އަމިއްލަ ދިފާއުގައި މަވަތަ ބަސްބުނުމާއި ކަންކަންކަން ފޮރުވުން ނޫން ކަމެއް ރައީސްގެ ކިބައިން ނުފެނުނެވެ. މުޅިން ވެސް އިވުނީ ކުރާނަން، ފަށާނަން، ހަދާނަން، ބުނާނަން، ހިއްކާނަން، ނޭނގެ، ތި މައުލޫމާތެއް ނެތް، ތިކަން ހިނގިކަމެއް އިނގިފައެއް ނެތް، އަދި މި އަޑު އެހީ، އެހެންތޯ، ރަގަނޅު ހިޔާލެއް، މިފަދަ ލަފްޒުތަކެވެ.

ކޮންމެއަކަސް 515 ދުވަސް ރައްޔިތުންގެ ސުވާލުތަކަށް ފިއްލަވައިގެން އުޅުއްވާ ރައީސް އޮފީހުގައި "ނޫސްވެރިން ބަންދު" ކޮށްގެން ޖައްސަވަން އުޅުއްވި ޕީއާރު ސްޓަންޓުންވެސް ފެނުނީ އެމަނިކުފާނުގެ އަތުގައި ރައްޔިތުންނަށް ދެއްވާނެ ޔަގީން ކަމެއްނެތް ކަމެވެ. ނޫސްވެރިންގެ ބައްދަލުވުން ނިމުނުއިރު އެމަނިކުފާނުގެ މޫނުމަތިންވެސް ފެނުނީ މާޔޫސް ކަމާއި ވަރުބަލިކަމެވެ. ފޮރުވި އޮވެ، ނިދަން ބޭނުން ވެފައި ހުރި މިންވަރެވެ.

ނަތީޖާ އަކީ ވެރިކަމުގައި 16 މަސް ވީއިރުވެސް އަދި ރައީސް ނޫސްވެރިންނާއެކު 15 ގަޑިއިރު، ހޭދަކުރައްވައިގެން ވެސް ރައްޔިތުން ހެއްވާ ނުލެވުނެވެ. ވާނީވެސް އެހެންތާ އެވެ. ކިރު ނެތް ގެރިއެއް ފެލުމުން އަންނަން ފަށާނީ ލެ އެވެ. ދިވެހި ރައްޔިތުންނަށް މިއަދު މުއިއްޒު އެއީ މާޒީ އެވެ. ދިވެހިރައްޔިތުން މިހާރު އުންމީދު އެކުރަނީ މާދަމާ އަށެވެ. މުސްތަގްބަލަށެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved