

ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުގައި ބަހައްޓަން ކުރާ ހުކުމް ނުވަތަ ވާނުވާ ބަންދު އުވާލުމަށް ރައީސް ޑރ މުހައްމަދު މުއިއްޒަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފިއެވެ.
މި މަސައްކަތް ފަށާފައިވަނީ ޔޫތު ފޯ ޔުނިޓީ ޖަމިއްޔާއިން އިސްނަގައިގެންނެވެ.
އެ ޖަމްއިއްޔާއިން ސޯޝަލް މީޑިޔާގައި ކުރ ޕޯސްޓުގައި ޗޭންޖް ޑޮޓް އޯގްއަށް ހުށަހެޅި ޕެޓިޝަންވަނީ ހިއްސާކޮށްފައެވެ.
A petition calling President Mohamed Muizzu to End Injustice in Remand Prisons of Maldives.
— Youth for Unity (@y4unitymv) May 6, 2025
🔻🔻🔻🔻🔻🔻🔻https://t.co/XxyxoLCADf#EndVaanuvaa
މި އަނިޔާވެރިކަން ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސް މުހައްމަދު މުއިއްޒަށް ވަނީ އެ ޕެޓިޝަނުގައި އިލްތިމާސްކޮށްފައެވެ.
އެގޮތުން މިހާރު ރިމާންޑްގެ ހުރިހާ މައްސަލަތަކެއް ވަގުތުން މުރާޖައާކުރުމާއި، ޝަރީއަތުގެ މަރުހަލާ އަވަސްކުރުމަށް ޝަރުއީ ވަސީލަތްތައް އިތުރުކުރުމާއި، ކުރިއަށް އޮތްތަނުގައި ލަސްވުން ހުއްޓުވުމަށް އަމާޒުކޮށްގެން އިސްލާހުކުރުމާއި އަދި ބަންދުކުރުމާއި ޝަރީއަތް ކުރުމަށް ސާފު ޓައިމްލައިންތަކެއް ކަނޑައެޅުމަކީ މިހާރު ބެކްލޮގްތައް ވަރަށް ބޮޑަށް މަދުވެ، ކުރިއަށް އޮތްތަނުގައި މިފަދަ އަނިޔާވެރިކަން ހުއްޓުވޭނެ ކަމެއް ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.
ޔޫތު ފޯ ޔުނިޓީންދަނީ އެންޑް ވާނުވާގެ ނަމުގައި ވާނުވާ ބަންދު އުވާލުމަށްޓަކައި ކެނޑި ނޭޅި އިހްތިޖާޖު ކުރަމުންނެވެ. އަދި މިއީ އަނިޔާވެރިކަމާއި ފެއިލްވެފައިވާ ސިސްޓަމާއި، ވާނުވާ ބަންދުތަކާ ދެކޮޅަށް އެއްވާ އެއްވުމެއްކަމަށް އެ ޖަމިއްޔާއިންވަނީ މައުލޫމާތު ދީފައެވެ.
ވާނުވާ ބަންދު އުވާލަން ގޮވާލާ ޕެޓިޝަނެއް ހުށަހަޅަން ތައްޔާރީތައް ފަށާފައިވާއިރު އެ ބަންދު އުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި އެ ވައުދު ޖުލައި މަސް ނިމުމުގެ ކުރިން ފުއްދަވާނެ ފަދަ ވާހަކަފުޅެއް އެމަނިކުފާނު އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވެއެވެ.