

"ބުނި ބަސް" ސެގްމެންޓްގައި މިއަދު މިބަލާލަނީ 13 ޖެނުއަރީ 2024 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަކަށެވެ.
ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު، ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްވި ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ "އާދައިގެ ބޭސް" ގެނައުން ހުއްޓާލައި ވަކި ބަޔަކަށް [އިންޑިއާ]ބަރޯސާވުން ނިމުކަކަށް ގެނައުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.
އަދި އިންޑިއާ އިން އެކަނި ބޭސް އެތެރެ ކުރުން ހުއްޓާލައި ސީދާ ޔޫރަޕުން ބޭސް ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ވެސް ރައީސް އެދުވަހު ވިދާޅުވި އެވެ.
އާދައިގެ ބޭސް [ގެނައުން] ނިމުކަކަށް ގެނެސް، ސީދާ އުފައްދާ ތަނުން، ޔޫރަޕުންނާއި އެމެރިކާއިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭސް އެތެރެ ކުރުން ބަދަލު ކުރާނަން. އެކަންތައް މިހާރު ވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ގައުމަށް ދެން މާ ލަސްތަކެއް ނުވެ، އެތެރެ ކުރާނީ ޔޫރަޕްގެ އަސްލު ބޭސް އުފައްދާ ތަންތަނުންނާއި އެމެރިކާގެ ތަންތަނުން،
ރައީސް ވިދާޅުވި ގޮތުގައި، މިހާރުން ފެށިގެން އެ މަސައްކަތް ފަށައި މާ ލަސްތަކެއް ނުވެ ރާއްޖެއިން އެތެރެ ކުރާނީ "ޔޫރަޕްގެ އަސްލު ބޭސް އުފައްދާ ތަންތަނުންނާއި އެމެރިކާގެ ތަންތަނުން"ނެވެ.
ނަމަވެސް މިއަދު "ވަމުންދާގޮތް" ބައްލަވާށެވެ. ރައީސް ޑރ. މުއިއްޒު "ބުނި ބަސް" ދިމަލެއްނުވިއެވެ.!
އިއްޑިއާ އަށް ހެޓަކަށް ބަވާފަ އަދި އިންޑިއާއިން ވިއްކަނީ "އާދައިގެ ބޭސް" ކަމަށް ވިދާޅުވެފައި ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖެއަށް ބޭސްތައް ހޯދުމަށާއި މެދުނުކެނޑި، އަތްފޯރާ އަގެއްގައި ބޭސްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އިއްޔެ އެ ހަވާލު ކުރީ އިންޑިއާގެ އެޗުއެލްއެލް ލައިފްކެއާއާ ކިޔާ ކުންފުންޏަކާ އެވެ.
އެޗުއެލްއެލްއަކީ އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާގެ ދަށުން ހިންގާ ކުންފުންޏެކެވެ. އެ އެއްބަސްވުމުގެ ދަށުން އެޗުއެލްއެލްއިން ބޭސް ފޯރުކޮށްދޭނީ އިންޑިއާގެ 'ޕްރަދާން މަންތުރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ' (ޕީއެމްބީޖޭޕީ) ނުވަތަ ޖަނައުޝަދި ސްކީމުގެ ދަށުންނެވެ.
މިހާރު ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ބޭސް އެތެރެ ކުރަނީ އިންޑިއާ އިންނެވެ. ފަހަކަށް އައިސް އިންޑިއާ އިން އެތެރެކޮށް ރާއްޖޭގައި ލިބެން ހުންނަ ބައެއް ބޭސްތަކުގެ ފެންވަރު ދަށްވެ، ގެއްލުން ހުރި މާއްދާތައް އެކުލެވޭ ބައެއް ބޭސްތައް ވެސް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައިސްފައިވެ އެވެ.
ކުޑަކުދިންނަށް ދިނުމަށް ބޭނުންކުރާ ކެއްސާތީ ބޯ ބޭސްތަކަކުން ވެސް ވިހަ މާއްދާތަކެއް އަޅާފައިވާ ބޭސްތަކެއް މިފަހުން ރާއްޖޭގައި ވަނީ ފެނިފަ އެވެ. އެ ބޭސްތައް ރާއްޖޭގައި މަނާކުރުމާ އެކު، ރާއްޖޭގައި ހުރި ބޭސްތަކުގެ ރައްކާތެރިކަމާ މެދު އިތުރަށް ސަމާލުވެ، ތަހުލީލު ކުރަން ވެސް އެމްއެފްޑީއޭ އިން ވަނީ ފަށާފަ އެވެ.
އާންމުކޮށް ބޭނުންކުރަމުންދާ ބޭހެއްކަމަށްވާ ޕެނަޑޯލްގެ ރައްކާތެރިކަމާ މެދު ޝައްކުކުރެވޭ ފަދަ ކަންތައްތަކެއް ފެނުމާ ގުޅިގެން ރާއްޖެއަށް އެ ބޭސް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން ވެސް މިދޭތެރެއިން ވަނީ މަނާކޮށްފަ އެވެ.