އިންޑިއާއިން މުއިއްޒުގެ ބޯ ގުދުކޮށްފި އެވެ، ދެން އެމީހުން ދިން ކޮންމެ ބޭހެއް ބޯނެ އެވެ. / ތޭރަގްރެފިކްސް
ރިޕޯޓު
އިންޑިއާއިން މުއިއްޒުގެ ބޯ ގުދުކޮށްފި އެވެ، ދެން އެމީހުން ދިން ކޮންމެ ބޭހެއް ބޯނެ އެވެ.
Qudhrathullah Ameen
ގުދުރަތުﷲ އަމީން
10 މޭ 2025
މާލެ ސިޓީ

ގުޅާފާ އިއްޔެ މީހަކު ކަމަކު އެދެފި އެވެ. ބުނީ ބޭހެއް މާލޭގެ ބޭސްފިހާރަ އަކުން ނަނގާ ދިނުމަށެވެ. ދެން އެދުނީ ބޭސް އުފެއްދި ގައުމު ބެލުމަށާއި މުއްދަތު ހަމަވާ ތާރީހު ކޮންމެ ވެސް ބެލުމަށެވެ.

އަހަރެން އެހީ މެވެ. ބޭސް އުފައްދާ ގައުމު ބަލަނީ ކީއްކުރަން ހެއްޔެވެ. ޖަވާބުގައި އޭނާ ބުނީ އިންޑިއާ ބޭސް ފީކަޅާ ކަމަށް ރައީސް މުއިއްޒު ވެސް ވިދާޅުވެފާ ވާތީ މި ސަރުކާރުން ގެންނަ ޔޫރަޕް ބޭހަށް މިހާރު އޭނާ ބަރޯސާ ވާތީ ކަމަށެވެ.

މުއްދަތު ބަލަނީ އަނެއްކާ ކިހިނެތް ވެގެންތޯ އެހުމުން އޭނާ ބުނީ އެންމެ ފަހުން މާލެއިން ގަނެގެން ގެންދިޔަ 6 މަސް ދުވަހުގެ ބޭސް ހުރީ 2 މަސް ފަހުން ހަމަވާ ތާރީހެއްގައި ކަމަށާއި އެހެންވެ ބާކީ 4 މަހުގެ ބޭސް އުކާލީ ކަމަށެވެ. އެހެންވެ އެފަހުން އޭނާ ބޭހުގެ މުއްދަތު ހަމަވާ ތާރީހަށް ވަރަށް ބަލާ ކަމަށެވެ.

ތެދެކެވެ. މިހާރު ވިއްކާ ގިނަ ބޭސްތަކުގައި ދުވަސް ހަމަ ވުމުގެ ޝަކުވާ އަންނަނީ ފެންމަތިވަމުން ނެވެ. އެ ބުނިހެން ފިހާރައަކުން އަދި ހޮސްޕިޓަލަކުން ބޭސްދިނަސް މުއްދަތު ވަރަށް ރަނގަޅަށް ބަލާ ޗެކްކުރަންވާނެ އެވެ. އެއީ ފަރުދީ ޒިންމާއެއް ކަމަށް ދެކިގެން ނެވެ.

ކޮންމެ އަކަސް މި ބުނި މީހާ އެދިގެން އިތުރު ރައްޓެއްސެއްގެ ފަހަތުގައި މާލެއިން އޭނާގެ ބޭސް ސިޓީއަށް ބޭސް ހޯދަން ނިކުމެއްޖައީމެވެ. 7 ވަރަކަށް ފިހާރަ ބެލިއިރު ވެސް އޭނާގެ ބޭސް ސިޓީއަށް ބޭސް އެއްކޮށް ހަމައެއް ނުވި އެވެ. އަދި އެބުނާ ޔޫރަޕު ބޭސް ލިބެން ހުރި ހަމަަ ހިލާ އެއްތަނެއް ވެސް ނުފެނުނެވެ.

އޭނާ އަށް ގުޅާ މިފަދައިން ބުނުމުން ރައްދުގައި ބުނީ ޔޫރަޕުން ނޫނީ މިހާރު ރާއްޖެ ބޭސް ނުގެންނާނެ ކަމަށެވެ. އަދި އިންޑިއާގެ ""އާދައިގެ ބޭސް" ދިވެހިންނަށް ދިނުމަކީ ރައީސް މުއިއްޒު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. އެހެން ބުނެ އޭނާ އެދުނީ އަދި ވެސް ފިހާރަތައް ބަލާ ޗެކްކޮށް ދިނުމަށެވެ.

މި ކަމަށް އެއް ބަސްވެ އެކުގައި ސައިކަލުގައި ނިކުތް އަނެއް ރަހްމަތްތެރިޔާ ގާތު އަހަރެން ބުނީ މެވެ. އަދި އިތުރު ފިހާރަތައް ބަލާ ލުމަށް ހިނގާށެވެ. އޭނާ ބުންނެވެ. ބެލިޔަސް ނެތް އެއްޗެއް ނުފެންނާނެ ކަމަށެވެ. އަދި ތިޔަކިޔާ ޔޫރަޕު ބޭހަކީ ރައީސް އެޅުއްވި ސިޔާސީ މޮޅު ސުރުހީއެއް ކަމަށް އޭނާ ބުންނެވެ. އަދި މިފަހުން ބޭސް ގެންނަން ސަރުކާރު ބޮޑު ކުންފުނި އެސްޓީއޯ އިން ސޮއި ކުރީ އިންޑިއާ ބަޔަކާ އެކު ކަމަށާއި ދެން ޔޫރަޕުން އަންނާނީ ކޮން ބޭހެއް ކަމަށެވެ.

މި ވަރަށް ދީ މީނާއަށް ލިބިހުރި ހުރިހާ މުއްސަދި މައުލޫމާތެއް އަހަރެން ނަށް ދީފައިބުނީ ދުއްވިދާނެ ކަމަށާއި އެކަމު ރަށުން ތި އެދޭ ބޭސް މުއިއްޒުގެ ވެރިކަމެއްގައި ލިބުމަކީ ނުވާނެ ކަމެއް ކަމަށެވެ.

ތެދެކެވެ. މުއިއްޒު ޗައިނާ އިން "ފައިސާ" ލިބޭނެ ކަމަށް އުންމީދުކޮށް ވެރިކަމުގެ ފުރަތަމަ ކޮޅުގައި އިންޑިއާއާއި ޖެހިގަތެވެ. އަދި ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު، ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްވި ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ "އާދައިގެ ބޭސް" ގެނައުން ހުއްޓާލައި ވަކި ބަޔަކަށް [އިންޑިއާ]ބަރޯސާވުން ނިމުކަކަށް ގެނައުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

އަދި އިންޑިއާ އިން އެކަނި ބޭސް އެތެރެ ކުރުން ހުއްޓާލައި ސީދާ ޔޫރަޕުން ބޭސް ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ވެސް ރައީސް އެދުވަހު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ރާއްޖެއިން އިންޑިއާއަށް ބަރޯސާވެގެން މިހާރު ކުރާ ވަރަށް ގިނަ ކަންކަމުގައި އެ ނޫން ގޮތްތަކެއް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށެވެ. ދެން އިނގިރޭސި ބަހުން ރައީސް ވިދާޅުވީ، "ވީ މޭ ބީ ސްމޯލް، ބަޓް ދެޓް ޑަސަންޓް ގިވް ޔޫ ދަ ލައިސެންސް ޓު ބުލީ އަސް" ކަމަށެވެ.

ރައީސް ދެން ވިދާޅުވީ، ރާއްޖެ އަކީ "ވަކި ގައުމެއްގެ ބެކްޔާޑްގައި އޮތް ގައުމެއް ނޫން" ކަމަށެވެ. މިއީ މިނިވަން، މުސްތަގިއްލު ގައުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް މިއަދު ކަން ވަމުން ދާ ގޮތް ބައްލަވާށެވެ. އިންޑިއާ އަށް ބަރޯސާވުން ކުޑަ ކުރަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިޔަސް މިއަދު ރައީސްގެ އަމަލުފުޅުތަކުން އެ މަންޒަރެއް ނުފެނެ އެވެ. އިންޑިއާ އަށް ގެންގޮސް ރައީސް މުއިއްޒު އަށް މޯދީ ސަރުކާރުން ކާންދެއްވި "ބިރިޔާނީ" ތައްޓާއެކު ހާލަތު މުޅިން ބަދަލު ވެއްޖެ އެވެ. މިއަދު މުއިއްޒު ސަރުކާރުން މޯދީ ސަރުކާރާއެކު އާއެކު ހަދަމުންދާ "ސިއްރު" އެއްބަސްވުންތަކުން ހާމަވަނީ ރާއްޖެ އަދި ވެސް އޮތީ އިންޑިއާގެ ބެކްޔާޑްގައި ކަމެވެ.

އެންމެ މިސާލެކެވެ.

ދިވެހިންގެ ބޭނުމަށް ރާއްޖެއަށް އެތެރެ ކުރާނީ "ޔޫރަޕްގެ އަސްލު ބޭސް އުފައްދާ ތަންތަނުންނާއި އެމެރިކާގެ ތަންތަނުން" ކަމަށް މުއިއްޒު ވިދާޅުވި ވާހަކަތައް އުބައް ޖައްސަވާ އިއްޔެ އެ ސޮއިކުރީ ރައީސް މުއިއްޒު ވިދާޅުވާ "އާދައިގެ ބޭސް" ރާއްޖެ ގެންނަން އިންޑިއާގެ އެޗުއެލްއެލް ލައިފްކެއާއާ ކިޔާ ކުންފުންޏަކާ އެވެ.

އެޗުއެލްއެލްއަކީ އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާގެ ދަށުން ހިންގާ ކުންފުންޏެކެވެ. އެ އެއްބަސްވުމުގެ ދަށުން އެޗުއެލްއެލްއިން ބޭސް ފޯރުކޮށްދޭނީ އިންޑިއާގެ 'ޕްރަދާން މަންތުރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ' (ޕީއެމްބީޖޭޕީ) ނުވަތަ ޖަނައުޝަދި ސްކީމުގެ ދަށުންނެވެ.

މި ތަނުގައި މި ހިނގަނީ މިހާރު ހަމަ އެންމެ ކަމެކެވެ. މުއިއްޒު އިންޑިއާ އާ ދެކޮޅަށް ދެއްކި ވާހަކައިގެ ހިތި ރަހަ އޭނާގެ އަރުތެރޭގައި އިންޑިއާ އިން އިންތިޒާމީ ގޮތެއްގައި ލައްވަނީ އެވެ. މޯދީގެ އަސްލު ސޫރައިގައި ކުރިއަށް ނިކުންނަވާ މުއިއްޒުގެ ބަސް މަގާ ސިޔާސަތުތަކަށް ގޮން ޖައްސަވާ ރައީސް މުއިއްޒު އަށް މޯދީގެ ފަރާތުން "ބުލީ" ކުރައްވަނީ އެވެ.

މިއަދު ސިޔާސީ ހަގީގަތަކީ މުއިއްޒުގެ އެކަނިވެރިކަމާއި ބޮޑާ ކަމުގެ މައްޗަށް އިންޑިއާއިން ރައީސް ޑރ. މުއިއްޒުގެ ބޯ "ގުދު" ކުރުވާ ސައިޒު ކޮށްލީ އެވެ. އޭގެ ނަތީޖާ އަކީ ދެން އިންޑިއާ ދޭ ކޮންމެ ބޭހެއް މުއިއްޒު އަށް ޖެހޭނީ ސިއްރާ ފާޅުގައި "ބޯ" ށެވެ. އެ ބޯ ބުއިމުގައި ކިތަންމެ ހިތި ރަހައެއް ދިވެހި އުއްމަތުގެ އަރުތެރޭގައި ލިޔަސް ވަރިހަމަ ކަމަށް ދެކި އެވެ.

އަދި އެއް ވާހަކަ އެވެ.

"އިންޑިއާ އައުޓް" ކެމްޕޭނުގެ މައްޗަށް ބިނާކުރި މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން، އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން "އުބަށް" ޖެހުމުން  އެނގެނީ ޑރ. މުއިއްޒުގެ ހާރިޖީ ސިޔާސަތުގެ އަގެއް ނެތް ކަމާއި އިންޑިޔާއިން އެޅިހާ ބަތަކަށް ރިހަވެ، ބިރިޔާނީ ތައްޓަކަށް މި ސަރުކާރުގެ ވެރިން ހެއްލިއްޖެ ކަމެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved