އޭސީޕީ މުހައްމަދު ރިޔާޒު / ސަން
ހަބަރު
ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާ ވަކި ގޮތަކަށް ހެކި ބަސް ދިނުމަށް ހެކިވެރިންނަށް އޭސީޕީ ރިޔާޒު އިލްތިމާސް ކުރާ އޯޑިއޯއެއް ލީކްވެއްޖެ
10 މޭ 2025

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތަށް ނުފޫޒު ފޯރުވާ ވަކި ގޮތަކަށް ހެކި ބަސް ދިނުމަށް ހެކިވެރިންނަށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އޭސީޕީ މުހައްމަދު ރިޔާޒު އިލްތިމާސް ކުރާ އޯޑިއޯއެއް ލީކްވެއްޖެ އެވެ.

ބެލެވޭ ގޮތުގައި ލީކުވި އޯޑިއޯ އަކީ އޭސީޕީ ރިޔާޒާއި ރައީސް ޔާމީންގެ ޝަރީއަތަށް ހެއްކެއްގެ ގޮތުގައި ހުށަހަޅައިފައިވާ އަހްމަދު ކުރިކް ރިޒާ އަށް ކުރި ފޯނު ކޯލެކެވެ.

މީގެ ކުރިން އޭސީޕީ ރިޔާޒުގެ އޯޑިއޯއެއް ލީކުވުމުން އޭނާ އެކަން ދޮގު ކުރެއްވި އިރު މި އޯޑިއޯގައި ވާހަކަ ދައްކަވަނީ އޭނާކަން 13 އޮންލައިނަށްވަނީ ކަށަވަރުވެފަ އެވެ.

އެގޮތުން އިންވެސްޓިގޭޝަންތައް އޮތީ ގާތްގަޑަކަށް ނިމިފައި ކަމާއި ދައުލަތުން ގެންގުޅެނީ ދައުވާ ކުރާ ކަހަލަ ވިސްނުމެއްކަމަށް އޭސީޕީ ރިޔާޒު އެ އޯޑިއޯގައި ބުނާ އަޑު އިވެ އެވެ.

އަދި ތަހުގީގަށް ނުވަތަ ޝަރީއަތަށް އެއްބާރުލުން ދޭ ފަރާތްތަކަށް ދައުލަތުން ލުއި ދޭނެ ކަމާއި ދެ ފަރާތުން ވާހަކަ ދެއްކުމަށްފަހު ދެވޭ ލުޔަކީ ކޮބައިތޯ އާއި ދެވޭނެ އެއްބާރުލުމުގެ އިތުރުން އޭގެ ވެލިއު އަކީ ކޮބައިތޯ ބެލުމަށްފަހު ވެލިއު ބޮޑު ނަމަ ދޫކޮށްލާ ވަރު ވެސް ބޮޑު ވާނެކަމަށް އޭސީޕީ ރިޔާޒު ބުނާ އަޑު އިވެ އެވެ.

މިފަދަ އޯޑިއޯއެއް ލީކުވެފައިވާއިރު ރައީސް ޑރ މުހައްމަދު މުއިއްޒު އެތައް ދުވަހެއް މީޑިއާއަށް ފިއްލެވުމަށްފަހު ދެއްވި 14 ގަޑި އިރުގެ ޕްރެސްގައި ރައީސް ޔާމީންގެ ޝަރީއަތާއި ޖުޑީޝަރީއަށް އެއްވެސް ނުފޫޒެއް ނުފޯރުވާކަމަށްވަނީ ވިދާޅުވެފަ އެވެ.

އެގޮތުން އެމަނިކުފާނު ހެއްދެވީ ފާޅުގައި ދޮގެއްކަން މިއަދު ސާފެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved