ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން / ރައްޔިތުންގެ މަޖިލިސް
ހަބަރު
ދެ ފަނޑިޔާރުން ވަކިކުރަން ޖުޑިޝަރީ ކޮމިޓީން ދެންމެ ފާސްކޮަށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
11 މޭ 2025
މާލެ ސިޓީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނަށް މަޖިލީހުގެ ކޮމިޓީގައި ޖަވާބުދާރީވުމުގެ ފުރުސަތު ނުދޭން ނިންމާފައި އޮތުމަށް ފަހު، އެންމެ ފަހުން ކޮމިޓީގެ ބައްދަލުވުންވެސް ސިއްރު ކުރަން ވެރިކަން ކުރާ ޕީއެންސީން ނިންމިއެވެ.

ސިއްރުން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ނިންމީ އަޒްމިރަލްދާ އާއި މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމީ އިޖުރާއަތުތައް ފުރިހަމަ ކޮށްގެން ކަމަށެވެ.

އެހެންވެ ދެ ފަނޑިޔާރުން ވަކިކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ވެސް ފާސްކުރި އެވެ. އެ މައްސަލަ އަދި މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެން މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ވޯޓުން ފާސްކުރަން ޖެހޭނެ އެވެ.

ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށެހެޅި މައްސަލަ ބަލަން ފެށުމުން ތިން ފަނޑިޔާރެއްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަން ފެށި އެވެ. އެއީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

އޭގެ ފަހުން ފަނޑިޔާރު ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ސުއޫދު އިސްތިއުފާ ދެއްވީ، ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާ ކަމަށް ވިދާޅުވެ އިހުތިޖާޖް ކުރެއްވުމުގެ ގޮތުންނެވެ.

ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ވިދާޅުވީ، ޖޭއެސްސީން އޭނާގެ ތަހުގީގު ކުރިއަށް ގެންގޮސްފައި ވަނީ އަދުލު އިންސާފު އެއްފަރާތް ކުރުމަށްފަހު ކަމަށެވެ.

މި މައްސަލާގައި ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން، ޝަފައީ 11 ހެކި (ހެކިވެރިން) އަދި 17 ކިތާބީ ހެކި ހުށަހެޅުއްވި އެވެ. ހެކިވެރިންގެ ހެކިބަސް ނެގުމަށް ވެސް އެދިވަޑައިގަތް ނަމަވެސް އެކަން ޖޭއެސްސީން ކޮށްފައެއް ނުވެ އެވެ.

ޖޭއެސްސީން ތަހުގީގު ހިންގަން އެކުލަވާލި ތަހުގީގު ކޮމިޓީގެ ފައިނަލް ރިޕޯޓްގައި ވެސް އަޒްމިރަލްދާ ހުށަހެޅުއްވި ހެކިންނަށް ވަކިން ރިއާޔަތްކޮށްފައެއް ނެތެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށުމާއެކު، ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ އެކަަމާ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އޭގެ ތެރޭގައި ކުރީގެ ފަނޑިޔާރުންނާއި ވަކީލުންނާއި ގާނޫނީ މާހިރުން ހިމެނެ އެވެ. އަދި އދ. ގެ ކަމާ ބެހޭ އެކްސްޕާޓު ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މައްސަލައިގައި އދ. އިން ވަނީ ރައީސް އޮފީހަށް ސިޓީއެއް ވެސް ފޯރުވައިފަ އެވެ.




ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved